08 Jan 2018, 15:15
ރާއްޖެ އިން މި އަހަރު އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި 19 ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިއީ ކުރީ އަހަރަށް ވުރެ، ހުށަހެޅި ކުންފުނީގެ އަދަދު 14 މަދު އަދަދެކެވެ. މިދިޔަ އަހަރު ރާއްޖެ އިން މީހުން އުމުރާ އަށް ގެންދިއުމުގެ ހުއްދަ 33 ކުންފުންޏަކަށް ދިނެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ގެންދަނީ އެ އަހަރެއްގައި ރާއްޖެ އިން އުމްރާއަށް ގެންދަން ބޭނުންވާ ކުންފުނިތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމުންނެވެ.
އެގޮތުން މިއަހަރު މީހުން އުމްރާއަށް ގެންދިއުމުގެ ފުރުސަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ހުޅުވާލައި، މިދިޔަ ބުދަ ވަނީ ޕްރޮޕޯޒަލްތައް ބަލައިގެންފަ އެވެ.
އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން 'ސަން' އަށް ވިދާޅުވީ، މި އަހަރު ރާއްޖެ އިން މީހުން އުމްރާއަށް ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅި 19 ކުންފުނި އެވަލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ނިމުމުން ޝަރުތު ހަމަވާ ހުރިހާ ކުންފުންޏަކަށް ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.
އަހުސަން ވިދާޅުވި ގޮތުގައި، މި އަހަރު މީހުން އުމްރާއަށް ގެންދިއުމުގެ ފުރުސަތަށް ހުޅުވާލައި ޕްރޮޕޯޒަލް ބަލައިގަތް ނަމަވެސް، މިދިޔަ އަހަރު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކަށް އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިން ދީފައިވާ ހުއްދައިގެ ދަށުން މީހުން އުމްރާއަށް ގެންދެވޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދަން ހުށަހެޅި ކުންފުނިތަކުގެ އަދަދު މަދުވި ސަބަބެއް ސީދާ ބުނަން ނޭނގޭ ކަމަށެވެ.