14 Aug 2011, 11:00
ގދ. ތިނަދޫގައި ފިހާރައަކާއި ގުދަނެއް ފަޅާލައި ފައިސާ އާއި ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ތިނަދޫން ފަޅާލާފައި ވަނީ މާލޭގައި ހިންގާ އަސްރަފީ ފިހާރައިގެ ބުރާންޗެކެވެ. އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ ފިހާރައިގެ މައި ދޮރުގެ ތަޅު ހަލާކުކޮށްލަން އުޅެ ނުވެގެން ދޮރުގެ ބިއްލޫރި ގަނޑު ތަޅާލައިގެން ވަދެ ކަމަށް އެ ފިހާރާއިގެ މީހަކު ބުންޏެވެ.
އެ ފިހާރަ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ނާސިރު މިއަދު ބުނީ ފިހާރަ އަށް ވަދެ ވަގަށް ގެންގޮސްފައި ވަނީ ސޭލްސްގެ ގޮތުގައި ލިބިފައި ހުރި މަދު ލާރިކޮޅުގެ ތެރެއިން 1000ރ. އާއި ރީލޯޑް ކުރާ ފޯނު ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ވަގަށް ގެންދިޔަކަން އަދި ނޭނގޭ ކަމަށް ވެސް ނާސިރު ބުންޏެވެ.
ނާސިރު ބުނީ އެ ފިހާރައިގެ މަތީބުރީގައި ހުންނަ ގުދަނުގެ ދޮރު ވެސް ހަލާކުކޮށްލައިގެން ވަދެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް އެއްޗެއް ގެއްލުނު ކަމެއް އަދި ސާފުވެފައިނުވާ ކަމަށް ނާސިރު ބުންޏެވެ.
އެމައްސަލަ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މިއީ ރޯދަ މަސް ފެށުނު ފަހުން ތިނަދޫގައި ފަޅާލި ދެ ވަނަ ފިހާރަ އެވެ.