08 Jan 2018, 14:21
މަތީ ތައުލީމު ހާސިލު ކުރަން ސަރުކާރުން ދޭން އިއުލާންކުރި 2050 ސްކޮލަރޝިޕުގެ ދަށުން ކިޔެވޭނެ ދާއިރާތައް ކަނޑައަޅައިފިއެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، އެ ސްކޮލަޝިޕް ޕްރޮގްރާމުގެ ދަށުން 10 ދާއިރާއަކުން ސެޓްފިކެޓް ލެވެލް އެކަކުން ފެށިގެން ޑިޕްލޮމާ ފެންވަރަށް ކިޔެވޭނެއެވެ.
އެގޮތުން ސެޓްފިކެޓް ފެންވަރުގެ 1،200 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 850 ކޯހަކަށް ހުޅުވާލާފައިވާ އިރު އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފުރުސަތު ހުޅުވާލާފައިވަނީ ސިއްހީ އަދި ވެލްފެއާގެ ދާއިރާއިންނެވެ. އެ ދާއިރާއިން އެކަނިވެސް 400 ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އޭގެ އިތުރުން ޑޮމެސްޓިކް ސާވިސް، ހެއާ އެންޑް ބިއުޓީ، ހޮޓެލާއި ރެސްޓޯރެންޓް އަދި ކޭޓަރިންގްއާއި، މިލިޓަރި އަދި ޑިފެންސް ފަދަ ދާއިރާތައް ހިމެނޭ ސާވިސަސްގެ ދަށުން 350 ފުރުސަތާއި، އިންޖިނިއަރިންއާއި މެނުފެކްޗަރިން އަދި ކޮންސްޓުރަކްޝަންގެ ދަށުން 350 ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އިތުރު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ
އެޑިއުކޭޝަން
- އާޓްސް އެންޑް ހިއުމޭނިޓީސް
- ސޯޝަލް ސައިންސް
- ޖާނަލިޒަމް އެންޑް އިންފޮމޭޝަން
- ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް
- ނެޗުރަލް ސައިންސް، މެތެމެޓިކްސް އެންޑް ސްޓެޓިސްޓިކްސް
- އެގްރިކަލްޗަރު، ފޮރެސްޓްރީ، ފިޝަރީސް އެންޑް ވެޓެރިނަރީ
ޑީއެޗްއީން ކުރި އިއުލާނުގައި ބުނެފައިވަނީ، ކޯސް ފީ އެކަނި ދޭން ހަމަޖެހިފައިވާ 2050 ސްކޮލަޝިޕް ޕްރޮގްރާމުގެ ދަށުން ފުރުސަތު ދެވޭނީ މިއަހަރު އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކަމަށެވެ.
އަދި ޝަރުތު ހަމަވާ ދަރިވަރުންނަށް ދާއިރާއަކަށް ކަނޑައެޅިފައިވާ އަދަދު ހަމަވަންދެން ފުރުސަތު ދޭނެ ކަމަށް ބުނެފައިވެއެވެ.
އެ ޑިޕާޓްމަންޓުން ބުނީ، ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ފެށުމަށްފަހު، ނުވަތަ އެ ޑިޕާޓްމަންޓުން ޔުނިވާސިޓީއަށް ފައިސާ ދެއްކުމަށްފަހު ކޯސް ދޫކޮށްލާނަމަ ނުވަތަ ކޯސް ފުރިހަމަ ނުކޮށްފިނަމަ ބްލެކްލިސްޓު ކުރެވޭނެ ކަމަށެވެ.
އަދި ކުރިމަތިލި ކޯސް ހެދުމަށް ޑީއެޗްއީން ދެއްކި ފައިސާ، ދަރިވަރު ޑީއެޗްއޭއަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މި ސްކޮލަޝިޕްތަކަށް އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ.