ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ އެންމެ ފަހުގެ ފިލްމު 'ޓައިގާ ޒިންދާ ހޭ' އަށް ބޮކްސް އޮފީހުގައި 500 ކުރޯރުގެ (78 މިލިއަން ޑޮލަރު) އާމްދަނީ އެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެހެންކަމުން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ‘ޓައިގާ ޒިންދާ ހޭ’ ވެގެން ގޮސްފައި މިވަނީ 2017 ވަނަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމަށެވެ.

ބޮކްސް އޮފީސް އިންޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި، ފިލްމަށް 500 ކުރޯރުގެ އާމްދަނީއެއް ލިބިފައި ވަނީ ފިލްމު ރިލީޒް ކުރިތާ 15 ދުވަސް ތެރޭގަ އެވެ.

ފިލްމަށް އެވަރުގެ އާމްދަނީ އެއް ލިބިފައި މިވަނީ އިންޑިއާގެ އިތުރުން، އެހެނިހެން ގައުމުތަކުން ފިލްމަށް ލިބުނު އާމްދަނީ އެއްކޮށްލައިގެންނެވެ.

ސިނަމާތަކުގައި ފިލްމު އެޅުވި ފުރަތަމަ ދުވަހު ވެސް ފިލްމަށް 34.50 ކްރޯޑް ލިބިފައިވާ އިރު ހަތް ދުވަހުން އެ ފިލްމަށް ވަނީ 200 ކުރޯޑް ލިބިފަ އެވެ.

ޓައިގާ ޒިންދާ ހޭ' އަކީ 2012 ވަނަ އަހަރު ނުކުތް ‘އެކް ތަ ޓައިގާ’ގެ ސީކުއަލް އެކެވެ. ފިލްމުގައި ސަލްމާން އަދި ކެޓްރީނާ ވެސް ފެނިގެން ދަނީ އައިސިސް އިން ރަހީނުކޮށްފައިވާ 25 ނަރުހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ދެ އޭޖެންޓުގެ ރޯލުންނެވެ.

ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމުގައި ކެޓްރީނާގެ ފަރާތުން ރަނގަޅު އެކްޓިންގްއެއް ފެނިގެން ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ސަލްމާން ޚާންގެ 'ޓިއުބްލައިޓް' ފްލޮޕްވި ނަމަވެސް، ޓައިގާ ޒިންދާ ހޭ އަށް ލިބެމުން އަންނަ ތަރުހީބާ އެކު އޭނާ ހުރީ ވަރަށް އުފަލުންނެވެ.

'ޓައިގާ ޒންދާ ހޭ' އަކީ 500 ކުރޯރުގެ އާމްދަނީއެއް ލިބުނު ހަތް ވަނަ ހިންދީ ފިލްމެވެ. މީގެ ކުރިން 500 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ 'ބާހޫބަލީ: ދަ ކޮންކްލޫޝަން'، 'ދަންގަލް'، 'ޕީކޭ'، ބަޖްރަންގީ ބާއިޖާން'، 'ސުލަތާން' އަދި 'ދޫމް 3' އެވެ.