08 Jan 2018, 15:15
ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 85 ޕަސެންޓް މީހުންގެ ވަޒީފާ ބަޔާން ނެތް ކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޗެއާމަން އަބްދުލްރަޝީދު ނާފިޒް ވިދާޅުވެއްޖެއެވެ.
ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން މަސައްކަތް ކުރާ މުވައްޒަފުގެ އަތުގައި ވަޒީފާގައި އުޅޭ ކަމުގެ ބަޔާން އަދި އެއްބަސްވުން ވެސް އޮންނަން ޖެހެއެވެ.
ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަަލަތަކާ ބެހޭގޮތުން "ސަން" އާ ވާހަކަ ދައްކަމުން ނާފިޒް ވިދާޅުވީ މިދިޔަ އަހަރު 290 ތަނެއް ބަލާ ޗެކުކުރެވުނު ކަމަށާއި، އެގޮތުން 85 ޕަސެންޓް މީހުންގެ އަތުގައި ވަޒީފާގެ ބަޔާން ނެތް ކަމަށް ބެލި ބެލުމުން ފާހަގަވިކަމަށެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޗެއާމަން އަބްދުލްރަޝީދު ނާފިޒް "ސަން" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ސަން
"މިދިޔަ އަހަރު ވަޒީފާ އަދާކުރާ މާހައުލުގައި މައްސަލަތަކާއި ވަޒީފާގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ މަސައްކަތް ކުރަނީ ބެލުމަށް މާލެއާއި ރާއްޖޭގެ އެހެން ބައެއް ރަށްތަކުން ޖުމްލަ 290 ތަނެއް ބަލާ ޗެކު ކުރެވުނު. ކުރެވުނު އިރު އަޅުގަނޑުމެނަށް ފާހަގަ ކުރެވުން 85 ޕަސެންޓް މީހުންގެ ވަޒީފާގެ ބަޔާންނެތް ކަމަށް،" ނާފިޒް ވިދާޅުވިއެވެ.
ނާފިޒް ވިދާޅުވީ ވަޒީފާގެ ބަޔާން ނެތި މަސައްކަތް ކުރުވާ ފަރާތްތައް ގާނޫނުގެ ދަށުން 500 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެ އަދަބު ދޭނީ ލޭބާ ރިލޭޝަންސް އޮތޯރިޓީން ނަސޭހަތް ދިނުމަށް ފަހު އެކަން ރަނގަޅު ނުކޮށްފި ހާލަތްތަކުގައި ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލޭބާ ރިލޭޝަން އޮތޯރިޓީއަށް ވަނީ ގިނަ ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި ނޯޓިސްއަކާ ނުލައި އަދި ކޯޓު އަމުރަކާ ނުލައި އެތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ އެ އޮތޯރިޓީގެ އޮފިސަރުންނަށް ގާނޫނީ ގޮތުން ލިބިދެއެވެ.
މީގެ އިތުރުން އެ އޮތޯރިޓީގެ އޮފިސަރުންނަށް، އެކިއެކި މުއައްސަސާތަކުން އެއްކުރަން ބޭނުންވާ މައުލޫމާތާއި ހެކި ހޯދުމުގެ ބާރު ލިބިގެންވެއެވެ.
ގާނޫނުގައި ބުނެފައިވާ ގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެ ޖޫރިމަނާ ކުރުން ފަދަ ކަންކަން އެ އޮތޯރިޓީން ކުރަންޖެހޭ އިރު، އެ މަސައްކަތްތައް ކުރަމުންދާ ކަމަށް ނާފިޒް ވިދާޅުވިއެވެ.