08 Jan 2018, 15:01
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން އެއްވަރުވުމުން، އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ޕްރެސް ކޮންފަރެންސްގެ ގަޑިއަށް ހާޒިރު ނުވެ، ޑުރެސިން ރޫމްގައި މަޑުކޮށްފި އެވެ.
ރެއާލް މެޑްރިޑުން ރޭ ރަށުން ބޭރުގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ލަލީގާގައި ކުޅުނު 17 މެޗުން 32 ޕޮއިންޓާ އެކު ރެއާލް އޮތީ ލީގު ތާވާލުގެ ހަތަރު ވަނައިގަ އެވެ. އެއްވަނާގައި ވާދަވެރި ބާސާ އޮތީ ރެއާލްއަށް ވުރެ އެެއް މެޗު އިތުރަށް ކުޅެ 16 ޕޮއިންޓް ކުރީގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ސެލްޓާ ވީގޯގެ ވާސް ގޯލެއް ޖަހައި ލީޑު ނަގައިފައި ވަނިކޮށް ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ގެރެތު ބޭލް އެވެ. އަދި ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓް ފަހުން ބޭލްގެ އިތުރު ގޯލައަކާ އެކު ރެއާލް އިން ލީޑު ވެސް ނެގި އެވެ.
ދެވަނަ ހާފްއަށް ނުކުމެ ސެލްޓާ ވީގޯއިން ވަނީ ރެއާލްގެ ވަރުގަދަ އެޓޭކް ހިފަހައްޓައި 82 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ގޮމޭޒް ގޮންޒާލޭޒް އެވެ.
"ޑެއިލީ މެއިލް" އިން ބުނެފައި ވަނީ ރޭގެ މެޗަށް ފަހު ރެއާލްގެ ކުޅުންތެރިންނާ ވާހަކަ ދައްކަން އެ ޓީމުގެ ކޯޗު ޒިދާން ގިނަ ވަގުތުތަކެއް ހޭދަކުރި ކަމަށެވެ. އަދި އާއްމުކޮށް އޮންނަ ސަގާފަތާ ހިލާފަށް ރޭގެ މެޗަށް ފަހު ފުރަތަމަ ނޫސްވެރިންނާ ވާހަކަ ދެއްކީ ހޯމް ޓީމުގެ ކޯޗު، ޖުއާން ކާލޯސް އުންޒޫ ކަމަށް ވެސް "ޑެއިލީ މެއިލް" ބުނެފައިވެ އެވެ.
ގިނަ އިރުތަކަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދެއްކުމަށް ޒިދާން ޕްރެސް ރޫމަށް ދިޔަ ނަމަވެސް ނޫސްވެރިންނާ ވާހަކަ ދައްކާފައި ވަނީ "މޫނު ކުނިކޮށްގެން" ކަމަށް ވެސް "ޑެއިލީ މެއިލް"ގައި ބުނެފައިވެ އެވެ. އެގޮތުން ޑުރެސިން ރޫމްގައި ދެއްކި ވާހަކައާ ގުޅިގެން ސުޕެއިންގެ ޓީވީ ޗެނަލަކުން ސުވާލު ކުރުމުން ޒިދާން ބުނެފައި ވަނީ ހުރިޙާ އެންމެން ވެސް ތިބީ ރުޅިގަދަވެފައި ކަމަށާއި އެ ވާހަކަތައް މީޑިއާއަށް ހާމަނުކުރާނެ ކަމަށެވެ.
ކުރުކޮށް ނިންމާލި ޕްރެސްގައި ޒިދާން އިތުރަށް ބުނެފައި ވަނީ ފުރަތަމަ ހާފްގައި ރެއާލް ރަނގަޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފްގައި ސެލްޓާ ވީގޯ ވަރަށް ބޮޑަށް ޕުޝްކޮށްގެން ކުޅުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.
ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން ޒިދާން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ދެފަހަރު ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން ޒިދާން ވަނީ ރެއާލްއާ އެކު ފީފާ ކުލަބު ވޯލްޑް ކަޕު އަދި ލަލީގާ ވެސް އުފުލާލައިފަ އެވެ. އެހެން ނަމަވެސް މި ސީޒަންގައި ރެއާލްގެ ފަރާތުން ލީގުގައި ފެންނަމުން ދަނީ އެންމެ އެދެވޭ ކުޅުން ނޫނެވެ.