14 Aug 2011, 09:32
ބަޣްދާދު (އޮގަސްޓް 14) : ޢިރާޤުގެ އެކި ކަންކޮޅު ތަކުގައި ވަޅުލާފައިވާ ބިމުގެ މައިންތައް ނައްތާލުމުގެ ސްޓްރެޓީޖިކް މަޝްރޫޢެއް ފަށަން ތައްޔާރުވަމުން ދާކަމަށް ޢިރާޤުން ހާމަކޮށްފިއެވެ.
އިރާޤުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ކަމާލް ޙުސައިން ވިދާޅުވީ ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ޢިރާޤުގެ އެކި ކަންކޮޅުތަކުގައި 25 މިލިޔަނަނަށްވުރެ ގިނަ މައިން ވަޅުލާފައިވާ ކަމުގައެވެ. އަދި ހަނގުރާމައިގާ ބޭނުންކުރުމަށްފަހު ނުގޮވައިހުރި އެކި ބޮމާއި ރޮކެޓްފަދަ ތަކެތީގެ ޢަދަދުވެސް އެތަށް މލިޔަނަކަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢިރާޤުގައި މައިގަނޑު ގޮތެއްގައި މައިން ވަޅުލާފައިވަނީ ތިން ސަރަޙައްދެއްގައެވެ. އެއީ އީރާނާ ދެކޮޅަށް ޢިރާޤުން ހނގުރާމަކުރި ދުވަސްވަރު ޢިރާޤާއި އީރާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ވަޅުލާފައިވާ މައިންތަކާއި ޢިރާޤުގެ އުތުރުގެ ކުރުދިސްތާން ސަރަޙައްދުގައި ޙަރަކާތްތެރިވާ ތުރުކީގެ ކުރުދީ ނަސްލުގެ ހަނގުރާމަވެރިން ތުރުކީ ސިފައިންނާ ދެކޮޅަށް ކުރަމުންގެންދާ ފިދާއީ ހަނގުރާމައިގާ ވަޅުލާފައިވާ މައިންތަކާއި ކުވައިތު ހަނގުރާމައިގެ ދުވަސްވަރުގައާއި އެމެރިކާ ސިފައިން އިރާޤަށް އަރައިގަތް ދުވަސްވަރު ޢިރާޤުގެ ދެކުނުގެ ސަރަޙައްދުތަކުގައި ވަޅުލާފައިވާ މައިންތަކެވެ.
ޢިރާޤުގެ މަސްއޫލުވެރިޔާ ވިދާޅުވީ ޢިރާޤުން މައިން ނައްތާލުމުގެ ސްޓްރެޓިޖިކް މަޝްރޫޢު 2012 ވަނަ އަހަރު ފަށައި 2018 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ ކަމުގައެވެ. ނަމަވެސް މިކަމަށް އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުވާނެތީ ފައިސާ ޚަރަދު ކުރެވެންނެތް ނަމަ މިމަޝްރޫޢު މިއަށްވުރެ ލަސްވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
1981 ގައި ފެށުނު އީރާން ޢިރާޤު ހަނގުރާމައަށްފަހު މިއަދާ ހަމައަށްވެސް ޢިރާޤުގައި ހަނގުރާމަ ކުރަމުން ގެންދާއިރު ޢިރާޤަކީ ދުނިޔޭގައިވެސް އެންމެ ގިނައިން ބިމުގެ މައިން ވަޅުލާފައިވާ ޤައުމަކަމަށް ތަޖްރިބާކާރުން ލަފާކުރައްވައެވެ. މީގެއިތުރުން ހަނގުރާމައިގާ ބޭނުންކުރުމަށްފަހު ނުގޮވައިހުރި އެކި ބޮމާއި ރޮކެޓްފަދަ ތަކެތީގެ ޢަދަދުވެސް އެތަށް މލިޔަނަކަށް އަރާ ކަމަށް ޢިރާޤުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ބިމުގެ މައިންއާއެކު މިތަކެތިވެސް ނައްތާލެވޭނެ ކަމަށް އދ. ގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެއެވެ.
މިތަކެތި ގޮވުމުގެ ސަބަބުން ޢިރާޤުގައި ކޮންމެ އަހަރަކު އެތަށް ހާސްބަޔަކު ނުކުޅެދޭ މީހުންނަށް ބަދަލުވެއެވެ. އަދި މިތަކެތި ގޮވައިގެން މަރުވާމީހުންގެ ޢަދަދުވެސް ހާހުން ގުނާލެވޭ ކަމަށް އިރާޤުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. (އަލްޖަޒީރާ)