ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަކީ ހަމައެކަނި ރާއްޖޭގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އިންޑިއާ އިން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ "ގަވަނަންސް ނައު" އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ މި ސަރުކާރު އައިފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރުން އިންޑިއާ އަށް ހަތަރު ޒިޔާރަތް ކުރައްވާފައިވާ ކަމަށާއި ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ޒިޔާރަތް ކުރެއްވީ އެންމެ ފަހަރަކު ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އިންވެސްޓްކުރަން ރާއްޖޭގައި ހުރި ދާއިރާތައް އިންޑިއާ އަށް ވެސް ޕްރޮޕޯޒްކޮށްފައި، ނަމަވެސް އެއްވެސް އިޖާބައެއް ނުލިބޭ،" ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ސަރަހައްދުގެ ސަލާމަތަކީ ރާއްޖެ އިން އަބަދު ވެސް އިސްކަންދޭ ކަމެއް ކަމަށެވެ. ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެެ ހުރިހާ ސަރުކާރަކުން ވެސް އެންމެ އިސްކަމެއް ދިނީ ސަރަހައްދުގެ އަމާންކަމާއި ސަލާމަތަށް ކަމަށާއި ރާއްޖެ އިން ޗައިނާާ އާ އެކު އިގްތިސާދީ ގުޅުން ބަދަހިކުރި ނަމަވެސް މި ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާ އާ އޮންނަ ގުޅުން ބަދަހިވަމުންދާތީ އެކަމާ ގުޅިގެން ގިނަ ސުވާލުތަކެއް ގަވަނެންސް ނައު އިން ވަނީ ސަފީރު އަހުމަދު މުހައްމަދާ ކުރިމަތިކޮށްފަ އެވެ. އެގޮތުން ޗައިނާގެ "ވަން ބެލްޓް، ވަން ރޯޑް" އިނިޝިއޭޓިވް އަށް އެއްބާރުލުންދޭން ރާއްޖެ އިން ނިންމާފާވާތީ އެކަމާ ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގައި ސަފީރު ވިދާޅުވީ އެ އިނިޝިއޭޓިވްގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތައް އަންނާނެ ކަމަށެވެ.

"ރާއްޖެ އަށް ފައިދާކުރާނެ ބައިލެޓްރަލް ކޮންމެ ގުޅުމަކަށް ވެސް މަރުހަބާ ކިޔާނެ،" ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅައިދިއުމާ ގުޅޭ ގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ސަފީރު ވިދާޅުވީ ޓެރަރިޒަމް އަކީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ. އައިއެސް އާއި އަލްގައިދާ ފަދަ ޖަމާއަތްތަކާ ބައެއް ދިވެހިން ގުޅިފައިވާ ކަމަށާއި މިހާރު 40 ނޫނީ 50 މީހުން ހަނގުރާމަވެރި ގުރޫޕްތަކާ އެކު ހަރަކާތްތެރިވާ ކަމަށް ސަރުކާރުގެ ރިކޯޑްތަކުން ދައްކާ ކަމަށް ސަފީރު ވިދާޅުވި އެވެ.

"ޔޫރަޕާއި މެދުއިރުމަތި އަދި ދެކުނު އޭޝިއާގެ ގައުމުތަކާ އެކު ގާއިިމް ކުރެވިފައިވާ ގުޅުންތަކުގެ ސަބަބުން ހަނގުރާމައަށް ދާ ބައެއް ދިވެހިން އަތުލައިގަނެވިފައި ވެސް އެބަހުރި. ނަމަވެސް ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި، އެމީހުން ރާއްޖެ ގެނެސް ރެހިބިލިޓޭޓް ކުރުން ވަނީ ދަތިކަމަކަށް. އެކަމަށް ވެސް ދައުލަތްތަކުގެ އެހީ ވަރަށް ބޭނުންވޭ،" ސަފީރު ވިދާޅުވި އެވެ.

މިފަހުން އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމަށް އަސަރުކުރި ކަމަށް މީޑިއާގައި ވާހަކަ ދެކެވުނީ ޗައިނާ އާ އެކު ރާއްޖެ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅިގެން ނެވެ. އެކަމާ ގުޅިގެން އިންޑިއާގެ ގިނަ ނޫސްތަކުން ވަނީ ސަފީރާ ސުވާލުކޮށްފަ އެވެ.

އެ މައުލޫއަށް ގަވަނަންސް ނައު އިން ކުރި ސުވާލުތަކުގެ ޖަވާބުގައި ސަފީރު ވިދާޅުވީ ރާއްޖެއާ އެކު މިނިވަން ވިޔަފާރިގެ އެއްބަސްވުމެއް އެކުލަވާލަން އިންޑިއާ އިން ހުށަހެޅިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ޗައިނާ އާ އެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތައް އަންނާނެ ކަމަށާއި މިފަދަ ފައިދާތައް ލިބޭ ގުޅުންތަކަށް ރާއްޖެ އިން އިސްކަންދޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.