"މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ދުވުމުގެ އިތުރު ތިން ޕާޓުނަރުންނާއެކު މިއަދު ސޮއިކޮށްފިއެވެ.

މި ތިން ޕާޓުރުންނާއެކު މިއަދު ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ސްޕޯޓްސް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސްޕޯޓްސް ކޯޕަރޭޝަންއާއެކު މިއަދު ސޮއިކޮށްފައިވަނީ "މައިލްސް ފޯ ސްމައިލްސް"ގެ ވޮލަންޓަރީ ޕާޓްނަރު ރަފީ ޖަމިއްޔާގެ އިތުރުން ހައިޑްރެންޓް ޕާޓްނަރު 100 ޕްލަސް އަދި މި ދުވުމުގެ މެއިން އެތުލީޓް އިބްރާހިމް ސާއިދު އަލީގެ ޓްރޭނަރު "ޓްރެއިން ވިތު ކައި" އާއެކުގައެވެ. މި ތިން އެއްބަސްވުމުގައި ވެސް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައްޒާގު އިބްރާހީމެވެ.

ވޮލަންޓަރީ ޕާޓްނަރުގެ ގޮތުގައި މިއަދު ސޮއިކުރެވިގެންދިޔަ ރަފީ ޖަމިއްޔާއަކީ "މައިލްސް ފޯ ސްމައިލްސް" ގެ މަސައްކަތްތަކުގައި ވޮލަންޓަރީ ގޮތުން ހަރަކާތްތެރިވާނެ ޖަމިއްޔާއެވެ.

"މައިލްސް ފޯ ސްމައިލްސް" ގެ ވޮލަންޓަރީ ޕާޓްނަރު، ރަފީ ޖަމިއްޔާއާއި ސްޕޯޓްސް ކޯޕަރޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޒާގު ވިދާޅުވީ މިފަދަ ހަރާތްތަކުގައި ވޮލަންޓިއަރުންނަކީ ވަރަށް މުހިންމު ފަރާތެއް ކަމަށާއި، ރަފީ ޖަމިއްޔާގެ ފަރާތުން "މައިލްސް ފޯ ސްމައިލްސް" ގެ އެކިއެކި މަސައްކަތްތަކަށް ވޮލަންޓިއަރުން ފޯރުކޮށްދޭނެ ކަމަށެވެ.

"މައިލްސް ފޯ ސްމައިލްސް"ގެ ހައިޑްރެންޓް ޕާޓްނަރުންގެ ގޮތުގައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 100 ޕްލަސްއާއެކުގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރައްޒާގު ވިދާޅުވީ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އާންމުކޮށް ގިނަ އެތުލީޓުންތަކެއް ބޭނުންކުރަމުން އަންނަ "އެނާޖީ ޑްރިންކް"ތަކާއި ދުރުވުމަށް އަހުލުވެރި ކުރުވުން ކަމަށާއި، 100 ޕްލަސްއަކީ އައިސޯޓޯނިކް ބުއިމެއް ކަމަށެވެ.

"މައިލްސް ފޯ ސްމައިލްސް" ގެ ހައިޑްރެންޓް ޕާޓްނަރު "100 ޕްލަސް" އާއި ސްޕޯޓްސް ކޯޕަރޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"100 ޕްލަސްއަކީ ހައިޑްރޭޓް ކުރުމަށް މިހާރު މާކެޓުގައި ބޭނުންކުރާ އެންމެ ރަނގަޅު އެއް ބުއިން، ހަށިގަނޑު ތެރެއިން ބޭރުކުރާ ފެން، އަވަހަށް ރިކަވާކޮށްދޭ ބުއިމެއް 100 ޕްލަސްއަކީ. އެހެންކަމުން އެތުލީޓުންނަށް އެންމެ އެކަށީގެންވާ ބުއިމަކީ 100 ޕްލަސް ކަމަށްވާތީ އަޅުގަނޑުމެން އެ ފަރާތާއެކު މި ސޮއިކުރީ،" ރައްޒާގު ވިދާޅުވިއެވެ.

ހައިޑްރެންޓް ޕާޓްނަރުގެ އިތުރުން ދެން މިއަދު ސްޕޯޓްސް ކޯޕަރޭޝަންއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ދުވުމުގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައިވާ އިބްރާހިމް ސާއިދު އަލީގެ ޓްރޭނަރު "ޓްރެއިން ވިތު ކައި" އާއެކުގައެވެ.

"މައިލްސް ފޯ ސްމައިލްސް" ގެ މެއިން އެތުލީޓް ސާއިދުގެ ޓްރޭނަރު "ޓްރެއިން ވިތު ކައި" އާއި ސްޕޯޓްސް ކޯޕަރޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޒާގު ވިދާޅުވީ "ޓްރެއިން ވިތު ކައި" އާއެކު މި ސޮއިކުރެވުނީ ސާއިދުގެ ޓްރޭނަރެއްގެ އިތުރުން އިވެންޓް ޕްރޮމޯޓް ކުރުމުގެ ގޮތުން ކަމަށެވެ.

"ސައްވީސް ގަޑިއިރު ދުވުމެއްގެ ވާހަކަ މިދައްކަނީ، ގިނަ ވަގުތު ދުވުމަކީ ވަރަށް ބޮޑު ފިޓްނަސްއެއް ބޭނުންވާނެ ކަމެއް، އެހެންވީމަ އެކަމަށް އެންމެ އެކަށީގެންވާ ގޮތަށް ފިޓްވެފައި ތިބި އެތުލީޓުންނަށް ވާން އެބަޖެހޭ، އެގޮތުން "ޓްރެއިން ވިތު ކައި" އާއެކު މިއަދު މި ވެވުނު އެއްބަސްވުމަކީ އަޅުގަނޑުމެންގެ ލީޑު އެތުލީޓް ސާއިދު އެންމެ އެކަށީގެންވާ ގޮތުގައި ދުވުމަށް ތައްޔާރު ކުރުމަށާއި، "މައިލްސް ފޯ ސްމައިލްސް" ޕްރޮމޯޓު ކުރުމަށް ވެވުނު އެއްބަސްވުމެއް،" އެގްރީމަންޓްގައި ސޮއި ކުރުމަށްފަހު ރައްޒާގު ވިދާޅުވިއެވެ.

"މައިލްސް ފޯ ސްމައިލްސް" ގައި 24 ގަޑިއިރު ދުވުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ސާއިދު އަލީއެވެ. ސާއިދަކީ ދިގު ދުވުންތައް ދުވުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މަޝްހޫރު ދުވުންތެރިއެކެވެ. މި ދުވުމުގައި ސާއިދަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު އެކަޑަމީތަކާއި އެންޖީއޯތައް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މައިލްސް ފޯ ސްމައިލްސް ދުވުން ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުގެ 4:30 އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 4:30އާ ހަމައަށް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައެވެ. އެ ދުވުމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.