ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވުމަށް ތާވަލްކޮށްފައިވާ ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓަކުން ނުބުނެ އެވެ.

އިއްސެގެ މަރުގެ މައްސަލާގައި ފަސް ބިދޭސީއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ނަމަވެސް މިހާތަނަށް އަދި ޝަރީއަތް ފަށާފައި ވަނީ އިއްސެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ޝުމޮން މިއާގެ ޝަރީއަތް އެކަންޏެވެ.

އެ މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޝުމޮން މިއާ ވަނީ އިއްސެ މަރާލި ސަބަބާއި މަރާލި ގޮތުގެ ވާހަކަ ވަރަށް ތަފްސީލްކޮށް ކިޔައިދީފަ އެވެ.

އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުން ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. ޝުމޮން މިއާގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެ އެވެ.