ގާހިރާ (ޖެނުއަރީ 8): މިސްރުގައި އަންނަ މާޗް މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު،76، ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން މިދިޔަ ނޮވެމްބަރު މަހު އިއުލާން ކުރެއްވި ޝަފީގު ވިދާޅުވި ގޮތުގައި އޭނާގެ ނިންމުން ބަދަލު ކުރެއްވީ އޭނާއަކީ އެ މަގާމަށް އެންމެ ރަނގަޅު ބޭފުޅާ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

ޝަފީގަކީ މިސްރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާ އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ކެނޑިޑޭޓެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މުހައްމަދު މޫރުސީއާ ވާދަ ކުރައްވައި ނާކާމިޔާބުވެފަ އެވެ.

އެނާކާމިޔާބީއަށް ފަހު ޔޫއޭއީއަށް ވަޑައިގެންނެވި ޝަފީގު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވުމާ އެކު އޭނާ ވަނީ ހައްޔަރުކޮށް، ޔޫއޭއީ އިން މިސުރަށް ޑީޕޯޓުކޮށްލައިފަ އެވެ. އަދި އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވީ، އޭނާ މިސްރަށް ވަޑައިގެންނެވި ފަހުން ހަބަރެއް ނުވާ ކަމަށް އާއިލާއިން ރިޕޯޓުކުރި ފަހުންނެވެ.

އޭގެ ސަބަބުން މިސްރުގެ ސަރުކާރުން ޝަފީގު ވަގަށް ނެގީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އޭނާ ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. (ބީބީސީ)