08 Jan 2018, 12:34
އެމެރިކާގައި ނަގާ ކޯޕަރޭޓް ޓެކްސް ރޭޓު ދަށްކުރުމާ އެކު، އެގައުމުގެ ލޯ ކޮސްޓް އެއާލައިން ޖެޓްބްލޫއިން ކޮންމެ މުވައްޒަފަކަށް 1،000 ޑޮލަރުގެ ބޯނަހެއް ދޭން ނިންމައިފިއެވެ.
އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ތަސްދީގުކުރެއްވި ގާނޫނެއްގައިވާ ގޮތުން، ކޯޕަރޭޓް ޓެކްސް ވަނީ 35 ޕަސަންޓުން 21 ޕަސަންޓަށް ދަށްކޮށްފައެވެ. ޓެކްސް ދައްކަންޖެހޭ މިންވަރު މަދުކުރުމާ އެކު، ކުންފުނިތަކަށް ފައިސާގެ ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެއެވެ.
ޓެކްސް ދަށްކުރުމާ ގުޅިގެން ޖެޓްބްލޫއިން ބުނީ، އެ ކުންފުނީގެ ސީއީއޯއާއި އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންގެ މަގާމުގައި ތިބި މީހުން ފިޔަވާ، އެހެން ކޮންމެ މުވައްޒަފަކަށް 1،000 ޑޮލަރުގެ ބޯނަހެއް ދޭނެ ކަމަށެވެ. ޖެޓްބްލޫގައި 21،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.
ޖެޓްބްލޫއިން ބުނި ގޮތުގައި، މި ބޯނަސް ލިބޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހާ ހަމައަށް އެކުންފުނީގެ ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ކަމަށާއި، މިއަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ބޯނަސް ފައިސާ ހަވާލުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ޓެކުހަށް މި ގެނައި ބަދަލާ އެކު، ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ރަނގަޅު ކަންކަން ކޮށްދިނުމުގެ ފުރުސަތެއް ލިބޭނެ ކަމަށް،" ޖެޓްބްލޫގެ ސީއީއޯ ރޮބިން ހޭސް ވިދާޅުވިއެވެ.
ޓެކްސް ދަށްކުރުމާ އެކު، އެމެރިކާގެ އެހެނިހެން އެއާލައިންތަކުންވެސް ވަނީ 1،000 ގެ ބޯނަހެއް މުވައްޒަފުންނަށް ދިނުމަށް ނިންމައިފައެވެ.
އެގޮތުން ސައުތުވެސްޓް އެއާލައިންސްއާއި އެމެރިކަން އެއާލައިންސްއިން މުވައްޒަފުންނަށް ބޯނަސް ދޭނެކަން މިދިޔަ ހަފްތާގައި ވަނީ އިއުލާންކޮށްފައެވެ. މީގެ ތެރެއިން އެމެރިކަން އެއާލައިންސްއަކީ ކޯޕަރޭޓް ޓެކްސް ދައްކާ ކުންފުންޏަކަށް ނުވި ނަމަވެސް، އެކުންފުނިން ބުނީ ޓެކުހާ ބެހޭގޮތުން ފާސްކުރި އާ ގާނޫނުން އެކުންފުންޏަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.