08 Jan 2018, 11:31
ނިމިދިޔަ 2017 ވަނަ އަހަރަކީ ސްރީލަންކާގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެކެވެ. އިންޑިއާ ކަނޑުގައި ފަތުރުވެރިކަމުގައި ރާއްޖެއާ އެންމެ ބޮޑު ވާދަވެރި ސްރީލަންކާއަށް 2016 ވަނަ އަހަރު ދެ މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި އިރު، މިދިޔަ އަހަރު ވެސް ސްރީލަންކާއަށް ވަނީ އެ އަދަދުތައް ހިފެހެއްޓިފަ އެވެ.
ސްރީލަންކާ ވެސް މިހާރު ދަނީ އެންމެ މަތީ ފަންތީގެ ފަތުރުވެރިންނާއި ގިނަ އަދަދެއްގެ މުއްސަނދިންނަށް މެހެމާންދާރީ އަދާކުރުމުގައި ކުރިއަރަމުންނެވެ. އެކަން ފާހަގަވަނީ، މިދިޔަ އަހަރު ސްރީލަންކާގެ އެއާޕޯޓުތަކަށް ޖެއްސި ޕްރައިވެޓް ޖެޓުތަކުގެ އަދަދުންނެވެ.
ސްރީލަންކާގައި ބައިނަލްއަގުވާމީ ފެންވަރުގެ ތިން އެއަޕޯޓެއް އޮވެ އެވެ. އެއީ ސްރީލަންކާގެ މައި އެއާޕޯޓު، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި ކުރީގެ މައި އެއާޕޯޓް ކޮލޮމްބޯގެ ރަތުމަލާނަ އެއާޕޯޓު، އަދި ލަންކާގެ ދެކުނުގައި އޮންނަ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއަޕޯޓެވެ.
ސްރީލަންކާގެ އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑް (އޭއޭއެސްއެލް) އިން ހާމަކުރި ގޮތުގައި، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އެކަނި ވެސް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް 326 ބައިނަލްއަގުވާމީ ކޯޕަރޭޓު ޖެޓު ޖެއްސި އެވެ.
އޭގެ އިތުރުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މައްތަލަ އެއާޕޯޓަށް 117 ޖެޓު، އަދި ޑިސެމްބަރު މަހާ ހަމައަށް ރަތުމަލާނަ އެއަޕޯޓަށް 126 ޖެޓު ޖައްސާފައިވެ އެވެ.
އަހަރު ނިމި، ޖެޓު ޖެއްސި ފުރިހަމަ އަދަދު މިހާތަނަށް އެކަށައެޅިފައި ނުވި ނަމަވެސް، މިހާތަނަށް އެނގޭ ގޮތުގައި 2017 އަކީ ލަންކާއަށް އެންމެ ގިނައިން ޕްރައިވެޓު ޖެޓު ޖެއްސި އަހަރު ކަމެވެ. އެގޮތުން، 570 ވަރަކަށް ޖެޓު މިދިޔަ އަހަރު ލަންކާއަށް ޖެއްސިކަން ކަށަވަރުވާ އިރު، 2016ގައި ލަންކާގެ އެއާޕޯޓުތަކަށް ޖެއްސީ 416 ޖެޓެވެ.
ލަންކާގެ އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސެސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޔޮހާން ޖަޔަރަތުނަ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު 70 ޕަސަންޓު ޖެޓުތަކުން ޒިޔާރަތްކުރި މީހުންނަކީ ވިޔަފާރީގެ ބޭނުމަށް ލަންކާއަށް ދިޔަ މީހުންނެވެ.
"އެމީހުން ޖެޓުގައި އަންނަނީ ފަސޭހައަކަށް. އަދި ގިނަ މީހުންނަށް ނޭނގި އައުމަށާއި ވަގުތު ސަލާމަތްވާތީ. ސްރީލަންކާއަކީ މި މީހުންނަށް ސަރަހައްދީ ގޮތުން އޮތް ބޮޑު މާކެޓެއް،" އޭނާ ވިދާޅުވި އެވެ.