އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު 2013ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ނުކުންނެވުމަށް ޕާޓީގެ ހަރަދުގައި ކެމްޕެއިންތަކެއް ކުރައްވާ ކަމަށް ވިދާޅުވެ، އޭނާއާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ތެދުވެއްޖެ އެވެ.

ރީކޯ މޫސަ 2013ގެ ރިޔާސީ އިންތިހާބަށް ނުކުންނަވާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ތުހުމަތު ކުރެއްވީ ބޮޑުތިލަދުންމަތީގެ އެމްޑީޕީގެ މަޖިލިސް މެންބަރުންނާ މަޝްވަރާ ނުކުރައްވައި "ބޮޑުތިލަދުންމަތީގެ ބޮޑުމަންޒަރު" މި ނަމުގައި މިރޭ ހަރުގޭގައި އެމްޑީޕީން ޖަލްސާއެއް ބޭވުމާ ގުޅިގެންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނޭ ބޮޑުތިލަދުންމަތީގެ ތިން މެންބަރަކު މިރޭ ވިދާޅުވީ އެމްޑީޕީގެ ފައިސާ ހަރަދު ކުރައްވައިގެން ރީކޯ މޫސަ 2013ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރެއްވުމަށް ޓަކައި އަތޮޅު ތެރޭގައި ކެމްޕެއިންތަކެއް ކުރައްވާ ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިރޭ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާޓީގެ ފައިސާ ހަރަދު ކުރުމުގެ އުސޫލުތަކާ ހިލާފަށް ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ރީކޯ މޫސަގެ އަމިއްލަ ބޭނުންތަކަށް ފައިސާ ހަރަދު ކުރައްވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް މޫސަގެ މައްޗަށް ތުހުމަތު ކުރާއިރު، އެކަމުން ބަރީއަތްވުމަށް އޭނާ މަސައްކަތް ނުކުރައްވާ ކަމަށާއި މޫސަގެ ސަބަބުން އެތައް ބައެއްގެ ނަފްރަތު ޕާޓީއަށް ލިބެމުންދާ ކަމަށް ކާނަލް ވިދާޅުވި އެވެ. އަދި މޫސައަކީ ތައުލީމީ އެއްވެސް ގާބިލް ކަމެއް ހުރި މީހެއް ނޫން ކަމަށާއި އޭނާގެ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި އެމްޑީޕީއާ މެދު ނަފްރަތު އުފެދެމުންދާ ކަމަށް ކާނަލް ވިދާޅުވި އެވެ.

"ފައިސާ ހަރަދު ކުރުމުގެ އުސޫލުތަކާ ހިލާފަށް މޫސާ މަނިކުގެ ކެމްޕެއިން ދަތުރުތަކެއް ވެސް ކުރައްވަނީ ރަށްރަށަށް. ޖަލްސާތައެއް ވެސް ބާއްވަނީ. މޫސާ މަނިކު މަސައްކަތްޕުޅު ކުރައްވަނީ 2013ގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި ނުކުންނެވުމަށް. ދެން އެގޮތަކަށް އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުދެވޭނެއެއް ނޫންތޯ،" ކާނަލް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުންގެ ކުރިފުޅުމަތީގައި އަންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާނެ ކަމަށް މޫސަ ވިދާޅުވެފައިވާ ކަމަށެވެ.

ސަރުކާރުގެ އިގްތިސާދީ އެޖެންޑާ މަޖިލީހުން ފާސްވުމުގެ ކުރިން އެއްވެސް ހަލަބޮލިކަމެއް ނުގެނައުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވާފައި ވަނިކޮށް، އެމްޑީޕީގެ ހަރުގޭގައި މިރޭ ޖަލްސާއެއް ބާއްވައި އިދިކޮޅު ފަރާތްތަކަށް އެއްޗެހި ގޮވުމަކީ އެމްޑީޕީން ރުހޭނެ ކަމެއް ނޫން ކަމަށް ކާނަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެ ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށްފައި ވަނިކޮށް އެފަދަ ކަންތައްތައް މޫސާ ކުރެއްވުމުން ދެ ވަޒީރުންގެ މަގާމު ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

"މީނާ )މޫސަ( މިލެވެލްއަށް ދާއިރު ބަލަހައްޓައިގެން ނުތިބެވޭނެ. ބޮޑު ލައިބިލިޓީއަކަށް ވެގެންދާއިރު ނުތިބެވޭނެއެއް ނޫންތޯ. މީނައަކީ އެއްޗެއް ނުކިޔަވާހުރި މީހެއް. މީނަގެ ކޮށި ސިކުޑިން ވިސްނާ ވިސްނުމުން މުޅި ގައުމު ހަލާކުކޮށްލައިގެން ނުތިބެވޭނެ،" މޫސައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ކާނަލް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު މިރޭ ވިދާޅުވީ މަޖިލީހުގައި އެކަކު އަނެކަކާ ޒާތީ ގޮތުން ދިމާނުކުރެއްވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވާފައި ވަނިކޮށް މޫސަ އެކަމަށް އިޖާބަ ނުދެއްވާ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ޒާތީ ގޮތުން ދިމާކުރައްވައި މޫސަ ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

އެ ދުވަހުގެ ޖަލްސާގެ ބަހުސް މަރުހަލާގައި ވެސް އަދި ޖަލްސާ ނިމުނު ފަހުން ވެސް ރީކޯ މޫސަ އާއި ގާސިމް އިބްރާހިމާ ދޭތެރޭ ހޫނު ޒުވާބުތަކެއް ހިނގާފައިވެ އެވެ.

ސަމީރު ވިދާޅުވީ ބޮޑުތިލަދުންމަތީގެ މެންބަރުންނާ އެއްވެސް މަޝްވަރާ ކުރުމެއްނެތި "ބޮޑުތިލަދުންމަތީގެ ބޮޑުމަންޒަރު" މިނަމުގައި ޖަލްސާއެއް ބޭއްވުމުން، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް އެބަ އޮތް ކަމަށެވެ. އެއީ 2013 ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ރީކޯ މޫސަ ވާދަ ކުރެއްވުން ކަމަށެވެ. އަދި އޭނާ އެކަމަށް ވާދަކުރެއްވިޔަސް ބޮޑުތިލަދުންމަތިން އެކަމަށް ޖެހިލުމެއް ނުވާނެ ކަމަށާއި އޭނާއަށް ބޮޑު ތިލަދުންމަތިން ތަރުހީބެއް ނުލިބޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ޕާޓީގެ ފައިސާގައި މޫސަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ ކަން ފާހަގަ ކުރެވިގެން އެ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ގަރާރެއް ހުށަހެޅުމަށް ބައެއް ބޭފުޅުން ތައްޔާރުވަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހަޅައި އެކަންތައްތައް ބަލާނެ ކަން. އަޅުގަނޑަށް ހީވާގޮތުން މިހާރު ވެސް އެކަންތައްތައް އެބަ ހިނގާ،" ސަމީރު ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވިދާޅުވީ ސިއްރު އެއްޖެންޑާއެއްގެ ދަށުން މިރޭ ޖަލްސާއެއް ބާއްވާތީވެ، ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން އެ ޖަލްސާގައި ބައިވެރިނުވާނެ ކަމަށް ވިދާޅުވެ މޫސައަށް އަންގާފައިވާނެ ކަމަށެވެ. އަދި މޫސަ އިސްކޮށް ހުންނަވައިގެން ބާއްވާ އެފަދަ ކެމްޕެއިން ޖަލްސާތަކުގައި އެބޭފުޅުން ބައިވެރިނުވާނެ ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޒާތީ ގޮތުން އިދިކޮޅު ފަރާތްތަކާ ދިމާކުރެއްވުމަށް މޫސާ ވާހަފުޅު ދައްކަވާ ނަމަ އޭނާއާ ދެކޮޅަށް މަޖިލީހުގައި ބަސް ބުނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ފަސް ނުޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މޫސައަށް ފާޑު ވިދާޅުވުމާ ގުޅިގެން އޭނާއަށް މިރޭ ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ މޫސަގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރީކޯ މޫސަ އިސްކޮށް ހުންނަވައިގެން މިރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި "ބޮޑުތިލަދުންމަތީގެ ބޮޑުމަންޒަރު" ޖަލްސާގައި ތަރައްގީގެ މަޝްރޫއުތަކެއް ބޮޑުތިލަދުންމަތީގައި ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމާއި ފިޝަރީޒް މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ )ޑީޑީ( ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.