08 Jan 2018, 12:09
ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ކްލެސިފައިކޮށްގެން އާންމުކުރަން ޖެހޭ ބައެއް އުފެއްދުންތައް ކްލެސިފައި ނުކޮށް އާންމު ކުރަމުންދާ ކަމަށާއި އެފަދަ އުފެއްދުންތަކާ މެދު ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އިން ބުނެފި އެވެ.
އެ ބިއުރޯ އިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައި ބުނީ، އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ އެ ބިޔުރޯ އިން "ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުމެއް އެ ބިއުރޯ އިން ކްލެސިފައިނުކޮށް އާންމު ކުރުމަކީ މަނާކަމެއް ކަމަށް އެ ބިއުރޯ އިން ބުންޏެވެ.
ރާއްޖޭގައި ބޭނުންކުރާ ނުވަތަ ރާއްޖެ އަށް އެތެރެކުރާ ފަންނުވެރި އުފެއްދުންތަކުގެ ތެރެއިން، ގިންތި ކަނޑައަޅަން ޖެހޭ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ފިލްމާއި ޑޮކިއުމެންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިސްތިހާރު ފިލްމު، އަދަބިއްޔާތު، ރިކޯޑް ކޮށްފައި ހުންނަ ވީޑިއޯ އަދި އަޑުގެ އިތުރުން ކޮމްޕިއުޓާ ކޮންސޯލް ގޭމްސް އެވެ.
އެގޮތަށް އާންމުކުރާ ހުރިހާ އުފެދުންތަކަކީ ވެސް "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި ދިވެހިންގެ އާދަކާދަ އާއި އަދި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ފޭރާންހެޔޮ އުފެއްދުންތަކަކަށް ހެދުމަކީ" އެ ބިއުރޯގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެ ބިއުރޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ބިޔުރޯގެ މަގްސަދަކީ ފަންނީ އުފެއްދުންތައް އާންމުންނަށް ހުށަހެޅުމުގެ ކުރީން އެއީ ކޮން އުމުރުފުރައަކަށް އެކަށީގެންވާ އުފެއްދުމެއްކަން ކަނޑައަޅައި އާންމުންނަށް އެކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި ނަމަވެސް ފަހަކަށްއައިސް ބިޔުރޯއިން ކްލެސިފައިކުރަން ޖެހޭ ފަންނީ އުފެއްދުންތައް މިބިޔުރޯ އިން ކްލެސިފައިނުކޮށް ރާއްޖޭގައި އާންމު ކުރަމުން ދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
ފަންނީ އުފެއްދުންތަކުގެ ތެރެގައި ހިމެނޭ ފިލްމް، ޑޮކިއުމަންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިޝްތިހާރު ފިލްމް، އަދަބިއްޔާތު އަދި ރެކޯޑް ކޮށްފައި ހުންނަ ވީޑިއޯ އާއި އަޑު އާންމުކުރާ ނަމަ ކްލެސިފައިކުރުމަށް ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އަށް ހުށަހެޅުމަށް އެ ބިއުރޯ އިން އިލްތިމާސް ކުރެ އެވެ.