08 Jan 2018, 09:40
ލަންޑަން (ޖެނުއަރީ 8): ސީރިއާގެ އިދްލިބުގައި ކާރެއް ގޮއްވާލުމުގެ ސަބަބުން 23 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފި އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިދުލިބުގައި އެހަމަލާ ދީފައި ވަނީ 'އަޖްނަދް އަލް ކަވްކާޒް' ކިޔާ ހަނގުރާމަވެރި ޖަމާއަތެއްގެ ހެޑްކުއާޓާސް އަށް ކަމަށް ސީރިއަން އޮބްޒަވޭޓަރީން ބުންޏެވެ. އަދި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އާއްމުންގެ ހަތް މީހަކު ހިމެނޭ ކަމަށް ވެސް އެއޮބްޒަވޭޓަރީން ބުންޏެވެ.
ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް އެންމެ ބޮޑު ސަރަހައްދު ކަމަށްވާ އިދްލިބްގެ ކޮންޓްރޯލް އަތުލުމަށް ޓަކައި އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ މިދިޔަ އަހަރު ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ތެރޭގައި އަޖްނަދް އަލް ކަވްކާޒްގެ އިތުރުން އަލް ނުސްރާ އާއި އަލްގައިދާއާ ގުޅުން ހުރި ޖަމާއަތެއް ހިމެނެ އެވެ.
ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ބައެއް ރައްޔިތުން ކުރި މުޒާހަރާއަކާ ގުޅިގެން 2011 ވަނަ އަހަރު ފެށުނު ހަނގުރާމާގައި މިހާތަނަށް އެތައް ހާސް މީހުން މަރުވެ، 10 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ނެތިފައިވާ ކަމަށް އދ.އިން ބުނެ އެވެ. (އަލްޖަޒީރާ)