ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝްރީވައްލާބް ވިޔާސް، މިދިޔަ އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

ވިޔާސް މަރުވީ ގިނަ އަހަރުތަކެއް ވަންދެން ބޮޑު ބައްޔެއްގައި އުޅުމަށް ފަހު އެވެ. އޭނާ މަރުވީ އުމުރުން 60 އަހަރުގަ އެވެ.

ދެހާސް އަށް ވަނަ އަހަރު ގުޖްރާތުގައި ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް ސިކުނޑިއަށް ސްޓްރޯކެއް ޖެހި ފާޚާނާ ތެރެއަށް ވެއްޓިފައި އޮއްވައި ވަނީ ފެނިފަ އެވެ. އަދި ފެނުނު އިރު އޮތީ ލޭގެ ކޯރެއްގެ ތެރޭގައި ކަމަށްވެ އެވެ.

އޮޕަރޭޝަނަށް ފަހު ވިޔާސްގެ މުޅި ހަށިގަނޑުން ވަނީ ވާގި ނެތިފަ އެވެ. ބައްޔަށް ފަރުވާ ކުރާހާ ތަނަވަސްކަން ނެތުމުން ވިޔާސްގެ އާއިލާ ވަނީ އޭނާ ގޮވައިގެން ޖެއިޕޫރަށް ބަދަލުވެފަ އެވެ. މަރުވީ ވެސް ޖެއިޕޫރުގަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ވިޔާސްގެ ފަރުވާ އަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔައީ އިރްފާން ޚާން، މަނޯޖް ބާޗްޕާއީ އަދި އާމިރް ޚާން އެވެ. އެއީ ވިޔާސް އާ އެކު ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރުންނެވެ.

ވިޔާސް ވަނީ 60 އަށް ވުރެ ގިނަ ފިލްމާއި، ގިނަ އަދަދެއްގެ ޓީވީ ޝޯތަކުގައި މަސައްކަތް ކޮށްފަ އެވެ. ވިޔާސްގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކަކީ ލަގާން (2001)، ސަރްދާރް (1993) އަދި ސަރްފަރޯޝް (1999) އެވެ. އޭގެ އިތުރުން ޝޫލް (1999) އަދި ދިލް ބޯލޭ ހަޑިއްޕާ (2009) އަކީ ވެސް އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމެކެވެ.