08 Jan 2018, 01:45
ސުޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފައިވާއިރު، ގާޑް މުލާގެ 37 އަހަރުވީ ގޯލް ޖެހުމުގެ ރެކޯޑާ ލިއޮނަލް މެސީ ހަމަކޮށްފިއެވެ.
މެސީ ގާޑް މުލާއާ އެއްވަރުކުރި ރެކޯޑަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގު ތެރެއިން، އެއް ލީގެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. މިރޭ މެސީ ޖެހި ގޯލައަކީ މެސީ ލަލީގާގައި ޖެހި 365 ވަނަ ގޯލައެވެ. މެސީ ގާޑް މުލާގެ ރެކޯޑާ މި ހަމަކުރީ އޭނާ އަށްވުރެ 27 މެޗު މަދުން ކުޅެގެންނެވެ. މިރޭގެ މެޗަކީ ބާސާއަށް މެސީ ކުޅެދިން 400 ވަނަ މެޗެވެ.
ލަލީގާގައި މިރޭ ބާސާއިން އަމިއްލަ ދަނޑުގައި ލެވެންޓޭ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ މެސީގެ ގޯލުންނެވެ. މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ބާސާއިން 38 ވަނަ މިނެޓުގައިވަނީ ލީޑު ފުޅާކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.

ޝުއަރޭޒްގެ ގޯލަށްފަހު އޭނާ އުފާ ފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މި ސީޒަންގައި ބާސާއާ ގުޅުނު އޮސްމާނޭ ޑެމްބޭލޭވަނީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ނުކުޅެ ހުރުމަށްފަހު މިރޭގެ ފުރަތަމަ 11 އިން ފެނިފައެވެ. އޭނާގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއްވެސް ފެނިގެން ދިޔަކަން ފާހަގަ ކޮށްލެވުނެވެ.
ބާސާގެ ތިންވަނަ ގޯލް މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް، އެޓީމަށް ކާމިޔާބުކޮށްދިނީ ބުރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯއެވެ. ދެ ކުޅުންތެރިން ނެއްޓުމަށްފަހު ލެވެންޓޭގެ އޭރިއާ ތެރެއަށްވަދެ މެސީ ހުރަސްކުރި ބޯޅަ ސުއަރޭޒް ދޫކޮށްލުމުން ޕައުލީނިއޯ ގޯލަށް ފޮނުވާލީ ފަސޭހަކަމާއެކުގައެވެ.

ބާސާގެ ތިންވަނަ ގޯލަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މިރޭގެ މެޗުން މޮޅުވެ ބާސާ އޮތީ ލަލީގާ ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއްގައެވެ. ދެވަނަގައި އޮތީ މެޑްރިޑެވެ. ވާދަވެރި ރެއާލް މެޑްރިޑް އޮތީ ހަތަރު ވަނައިގައެވެ.