އިނގިރޭސި ދެވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެ، އިނގިރޭސި އެފްއޭ ކަޕުގެ އެންމެފަހުގެ ޗެމްޕިއަން އާސެނަލް މުބާރާތުން ކަޓައިފިއެވެ.

އާސެނަލް މުބާރާތުން ކެޓީ މިރޭ ރަށުން ބޭރުގައި ކުޅުނު ތިންވަނަ ބުރުގެ މެޗުން 4-2 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.

ރެކޯޑު 13 ފަހަރެެއްގެ މަތިން އިނގިރޭސި އެފްއޭ ކަޕު އުފުލާފައިވާ އާސެނަލް މިރޭގެ މެޗަށް ނުކުތީ ފުރަތަމަ 11 އަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. އެގޮތުން އާންމުކޮށް އާސެނަލްގެ ފޯވަޑް ލައިނުން ފެންނަ، ލަކަޒެޓްގެ އިތުރުން އެލެކްސިސް ސަންޗޭޒް އަދި މެސުޓް އޮޒިލްވެސް މެޗުގެ ސުކޮޑުގައި އާސެނަލްގެ ކޯޗު އާސެން ވެންގާ ހިމަނާފައެއް ނުވެއެވެ.

މިރޭގެ މެޗުގައި އާސެނަލްގެ ގޯލުން ބަދަލު ކީޕަރު އޮސްޕީނާ ފެނިގެން ގޮސްފައިވާއިރު، މި ސީޒަންގައި އާސެނަލްގެ މެދުތެރެއިން މުހިއްމު ކުޅުމެއް ދައްކަމުން އަންނަ ޖެކް ވިލްޝެއާގެ އިތުރުން އާއްމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ޑިފެންޑަރު މުސްތާފީވެސް މިރޭގެ މެޗުގެ ސުކޮޑުގައި ހިމެނިފައެއް ނުވެއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އެރިކް ލިޗަކްގެ ގޯލުން ލީޑު ނަގައި ނޮޓިިންހަމްއިންވަނީ އާސެނަލް ސިސްސުވާލާފަ އެވެ. ނަމަވެސް އެޓީމަށް ލީޑު ދެމެހެއްޓުނީ ތިން މިނެޓު ވަންދެނެވެ. ތިން މިނެޓްފަހުން އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިފެންޑަރު ޕާ މެޓަސަކާއެވެ.

ނޮޓިންހަމްއިންވަނީ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަނެއްކާވެސް ލީޑު ނަގައިފައެވެ. މި ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ލިޗަކްއެވެ.

ނޮޓިންހަމްގެ ދެވަނަ ގޯލް އެރިކް ލިޗަކް ބޮލުން ގޯލްތެރެއަށް ވައްދާލަނީ --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައި ކުޅެން ނުކުމެ އާސެންލްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށްވަނީ ނޮޓިންހަމްގެ ގޯލް ފޫއަޅުވާ ލެވޭ ގޮތް ނުވެފައެވެ. އާސެނަލްއަށް މެޗުން މޮޅުވުމަށް އިތުރު އުނދަގުލަކަށްވީ 64 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ނޮޓިންހަމްއިން އަނެއްކާވެސް ލީޑު ފުޅާކުރުމުންނެވެ. ޕެނެލްޓީ ނޮޓިންހަމްއަށް ކާމިޔާބު ކޮށްދިނީ ބެން ބްރެޓޮން އެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ޑެނީވެލްބެކް ގޯލް ޖަހައި އަނެއްކާވެސް އާސެނަލްއަށް އުއްމީދު އައުކޮށްދިނެވެ. ވެލްބެކްގެ ގޯލާއެކު އާސެނަލްއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އަނެއްކާވެސް ގޯލް ޖެހީ ނޮޓިންހަމް އިންނެވެ. މެޗުގެ 85 ވަނަ މިނެޓުގައި ނޮޓިންހަމްގެ ހަތަރުވަނަ ގޯލް، ލިބުނު ދެވަނަ ޕެނެލްޓީގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކިއެރެން ޑޮވެލްއެވެ.

ޓޮޓެންހަމްގެ ތިންވަނަ ގޯލަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މެޗު ނިމެންދަނިކޮށް ނޮޓިންހަމްގެ ޖޯ ވޮރަލްއަށްވަނީ ރަތް ކާޑު ދައްކާފައެވެ.

އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ޓޮޓެންހަމްއިން މިރޭ ކުޅުނު މެޗު އެޓީމުންވަނީ ކާމިޔާބުކޮށްފައެވެ. އަމިއްލަ ދަނޑުގައި އޭއެފްސީ ވިމްބަލްޑަންއާ ދެކޮޅަށް ކުޅުނު މެޗު، ޓޮޓެންހަމްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމްގެ ދެ ގޯލް ހެރީ ކޭން ޖަހައިދިންއިރު، ތިންވަނަ ގޯލް ޖަހައިދިނީ ޑިފެންޑަރު ޖޭން ވަޓޮންގަންއެވެ.