07 Jan 2018, 23:40
އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއަކުން މިފަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނުނެރޭނެ ކަމަށާއި އެޕާޓީން ކެންޑިޑޭޓަކު ވާދަ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ރުމާލު 2 ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަޒުލީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ނޯންނާނެކަން 100 ޕަސެންޓް ޔަގީން ކަމަށެވެ.
"އަޅުގަނޑަށް 100 ޕަސެންޓް ގެރެންޓީ އެބަވޭ އެމްޑީޕީގެ ކެންޑިޑޭޓެއް ދިވެހި ރާއްޖޭގެ ރިޔާސީ އިންބަކަށް ނުނިކުންނާނެ،" އަޒުލީން ވިދާޅުވި އެވެ.
ޓީވީ ޗެނަލަކުން ނެގި ޕޯލެއްގައި ޖަލުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައި ގަންނަވާތީ އެކަމަށް ވެސް ހޯމް މިނިސްޓަރު އަލިއަޅުވައިލެއްވިއެވެ. އަޒުލީން ވިދާޅުވީ އެއްވަނަ ވޯޓު ހޯއްދެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނެވީ ޖަރުމަނުގައި ކަމަށެވެ. އެހެންވީމަ ގާސިމް ވާދަކުރައްވަނީ ޖަރުމަނުގެ އިންތިހާބެއްގައި ތޯ އަޒުލީން ސުވާލު އުފެއްދެވި އެވެ.
"މި ދަންނަވަން އުޅޭ ވާހަކައަކީ މި ރާއްޖޭގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ރައީސް ޔާމީން ނޫން އޮއްޓަރުހުރި އެއްވެސް މީހަކު ނެތޭ. ދިވެހި ރައްޔިތުންނަށް ކެންޑިޑޭޓެއްގެ ގޮތުން ހަމައެކަނި ފެންނާނެ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބު އައިސް ޖެހޭއިރުވެސް ރައީސް ޔާމީން. އެއްކޮޅުންވެސް އިދިކޮޅުންވެސް،" އަޒުލީން ވިދާޅުވި އެވެ.
މިރޭ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އަޒުލީން ވަނީ ތަކުރާރުކޮށް ރައީސް ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ދޮގު ވައުދުތަކެއް ވެވަޑައިގެން ކަމަށް އަޒުލީން ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ ތަރައްގީ އަކީ "މަޖީދީ މަގުގެއް އެއްކޮޅުން އަނެއް ކޮޅަށް ފެންފޯއް ރުށް ޖެހުން" ކަމަށް ވިދާޅުވެ އަޒްލީން ވަނީ ޖޯކު ޖައްސަވާފަ އެވެ.
"ފެންފޯއް ރުއްތަކެއް މަޖީދީ މަގުގައި ޖަހާފައި ދެން މިބުނަނީ މިހިރީ ރުށް ޖަހާފައޭ ރައްޔިތުން ދެން މަސައްކަތް ކުރާށޭ. އެއީ އެ ވިދާޅުވި ތަރައްގީ،" އަޒުލީން ވިދާޅުވި އެވެ.
ރައީސް ނަޝީދު އަދި އިދިކޮޅު ފަރާތްތަކުން ބޭރުގެ ގައުމުތަކާ ގުޅިގެން ވެރިކަމަށް ލޮޅުން އަރުވާލަން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށް އަޒުލީން ވިދާޅުވި އެވެ. ބޭރު ގައުމުތަކުން އެމީހުންގެ ގައުމުގެ ވެރިކަމުގެ ކަންކަމާއި ގޮންޖެހުންތައް ހައްލު ނުވެ އުޅެނިކޮށް އެހެން ގައުމެއްގެ ވެރިކަމަށް ލޮޅުން އަރުވާލަން ނާންނާނެ ކަމަށް އަަޒުލީން ވިދާޅުވި އެވެ.
"އެއަށްވުރެ މާ މުހިއްމު މަޖުބޫރު ކަންތައްތަކެއް އިންޑިއާ ސަރުކާރުން އޮތީ އެގައުމުގެ ރައްޔިތުންނަށް ވައުދުވެފަ. އެހެންވީމަ އެބޭފުޅުންގެ އަމާޒަކަށް ވާނީ އިންޑިއާ ރައްޔިތުންނަށް ތަރައްގީ ހޯދައި ދިނުން،" އަޒުލީން ވިދާޅުވި އެވެ.
ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވެ، މަގުމައްޗަށް ނުކުންނާނެ މީހަކުވެސް ނުވި ކަމަށް އަޒުލީން ވިދާޅުވި އެވެ. އަދި އެހާ ތާއީދު އޮތް ބަޔަކު ކަމަށް ދެކިގެން "ރައްޔިތުންގެ އަޑު ކަމަށް ބުނެ އިއްވަން އުޅޭ އަޑުގައި އެއްވެސް ރައްޔިތަކު ނުހިފި" ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިން ގާނޫނީވެރިކަމެއް ދެމެހެއްޓުމުގައި ސާބިތުވެ ތިއްބަވާ ކަމަށް އަޒުލީން ވިދާޅުވި އެވެ. އަދި އެއްވެސް ބަޔަކަށް ވެރިކަން ވައްޓާ ނުލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ބަޔަކު މީހުން ގުނބޯ ހައްދައިގެން ސިފައިންނާ ފުލުހުން ތިބީ ތިމަންނަމެން ފަހަތުގައޭ. މިއީ ދައްކާ ހޮޅި ވާހަކަ" އަޒުލީން ވިދާޅުވި އެވެ.
އަޒުލީން ވިދާޅުވީ ރައީސް ޔާމީން 2018 ވަނަ އަހަރު ހުވާ ކުރައްވާ ދެވަނަ ދައުރަށް ފަހު އެމަނިކުފާނު ފެންވަރުގެ ބޭފުޅަކާ ގައުމު ހަވާލު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުން ގަދަކަމުން އެމަނިކުފާނު ވެރިކަމުގައި ބަހައްޓަން ބޭނުންނުވާނަމަ ކަމަށް އަޒުލީން ވިދާޅުވި އެވެ.