07 Jan 2018, 23:23
ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ނާސިފް އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފިއެވެ.
މުންޑޫ ކައުންސިލްގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވެނީ ކައުންސިލްގެ ނައިބު ރައީސް ނާސިފަށް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުންޑޫގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެެއްވައެވެ.
މުންޑޫ ކައުންސިލް މެމްބަރު ވިދާޅުވީ އެ އަންހެން މީހާ މިރޭ 9:00 ގައި މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔުމުން އެއަތޮޅު ގަމު ރީޖިނަލް ހޮސްޕިޓަލަށް ގެންދިޔުމަށް ލަފާދިން ކަމަށެވެ. ސަބަބަކީ އެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށާއި މިހާރު އޭނާއަށް ގަމު ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ކައުންސިލްެގެ ނައިބު ރައީސް ނާސިފާއި އެ އަންހެން މީހާއާ ދެމެދު އެރަށު ބަނދަރު ސަރަހައްދުގައި ޒުވާބެއް ހިނގި ކަމަށެވެ.