08 Jan 2018, 00:11
އަވައްޓެރި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ޚިދުމަތްދިނުމުގައި ރާއްޖޭގެ ކުރީގެ ސަރުކާރުތައް ވަނީ ފެއިލްވެފައި ކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ 'ރުމާލް2' ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ 30،000 އަށްވުރެ ގިނަ ރައްޔިތުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކަމަށާއި އެ ރައްޔިތުންނަށް ވެސް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ.
ރާއްޖެއިން ބޭރުގައުމެއްގައި އެންމެ ގިނަ ދިވެހިން އުޅޭ އެއް ގައުމަކީ ސްރީލަންކާކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެ ގައުމުގައި ދިރިއުޅެމުންދާ ދިހަ ވަރަކަށް ހާސް ދިވެހި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ކުރީގެ ސަރުކާރުތައް ވަނީ ފެއިލްވެފައި ކަމަށެވެ.
މިސާލެއްގެ ގޮތުގައި މުންދު ފާހަގަކުރެއްވީ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުގެ އިސްވެރިޔަކު ލަންކާގައި ދިރިއުޅޭ ދިވެހިންނާ މުހާތަބުކޮށް ދެއްކެވި ކަމަށް ބުނާ ވާހަކަފުޅެކެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ދައްކަން ނުޖެހޭތީ އެމީހުނަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްދޭން ނުޖެހޭނެ ކަމަށް އެމްޑީޕީ ސަރުކާރުގެ އިސްވެރިޔަކު ވިދާޅުވި ކަމަށް މުންދު ވިދާޅުވިއެވެ.
"ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީމަ ތިތިބީ އަމިއްލަ ހާލައިގެންނޭ ސަރުކާރަކުން ތިބޭފުޅުންގެ ހައްގުގައި އިތުރައް ކޮށްދޭން ޖެހޭނެ މާބޮޑުކަމެއް އޮތްކަމަކަށް ތިމަންނާމެން ނުދެކެމޭ. އާނ ޕާސްޕޯޓެއް އާކޮށްލުން ނޫނިއްޔާ ވިސާއެއް ހަދާ ނުލާ ވާހަކައެއް ނޫން. އެ ފިޔަވައި މާބޮޑު ހިދުމަތްތަކެއް ދޭން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރޭ،" އެމްޑީޕީ ސަރުކާރުގެ އިސްވެރިޔަކު ކުރިން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި މުންދު ވިދާޅުވިއެވެ.
ރާއްޖޭގައި މީގެކުރިން އޮތް އެއްވެސް ސަރުކާރަކުން ބޭރުގައި ހުރި އެމްބަސީއެއްގައި ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން ހިދުމަތެއް ފޯރުކޮށް ނުދޭ ކަމަށް މުންދު ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކަމަށާއި ހާއްސަކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކަމަށް މުންދު ވިދާޅުވިއެވެ.
"ސްރީ ލަންކާގައި މިހާރުހުރި އެންމެ ބޮޑު ސްކޯޕްގެ ގޮތުން އެންމެ ބޮޑު މުވައްޒަފުންގެ ގޮތުން އެންމެ ގިނަ ފުޅާ މަސައްކަތްތަކެއް ކުރެވޭ އެމްބަސީއަކީ އެމެރިކާ އެމްބަސީ އެއް އިނގިރޭސިވިލާތުގެ އެމްބަސީއެއް ނޫނޭ. ދިވެހިރާއްޖޭގެ އެމްބަސީ،" މުންދު ވިދާޅުވިއެވެ.