13 Aug 2011, 21:40
އޮހާޔޯ (އޮގަސްޓް 13): އަންހެނުން ރޭޕްކުރުމަށް ފަހު އެމީހުން މަރަމުންގެން ދިޔަ ނުރައްކާތެރި ޤާތިލަކު މެރުމަށް އެމެރިކާގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
އެންޓަނީ ސުވޭލް ނަމަކަށް ކިޔާ މި ޤާތިލްގެ ޝިކާރައަކަށް 11 އަންހެނުން ވެފައިވާ ކަމަށާއި މި 11 އަންހެނުން ރޭޕްކުރުމަށް ފަހު އެމީހުން ގެ ހަށިތައް ވަޅުލާފައިވަނީ އޮހާޔޯގައި ހުންނަ އޭނާގެ ގޭގެ ގޯތިތެރޭގައި ވަރަށް ތިލަކޮށް ކޮނެފައި ކަމަށް އެސްޓޭޓްގެ ފުލުހުން ބުނެ އެވެ.
އުމުރުން 51 އަހަރުގެ ސުވޭލްއަކީ އެމެރިކާ ސިފައިންގެ ތެރޭގައި ކުރިން އުޅެފައިވާ މީހެކެވެ. ސުވޭލް، ރޭޕްކުރުމަށް ޓަކައި އަންހެނުން އަތުލައިގަންނަނީ ބަނގުރާ ބުއިމުގެ ދަޢްވަތު އެމީހުންނަށް ދީގެންނެވެ. ބަނގުރާ ބުއިމަށް ދެވިހިފާފައިތިބޭ އަންހެނުން އޭނާގެ ދަލުގައި ވަރަށް ފަސޭހައިން ޖެހެ އެވެ. ސުވޭލް ޝިކާރަކުރަނީ ޒުވާން އަންހެނުންނެވެ. އޭނާގެ ދަޢްވަތަށް އަންނަ ޒުވާން އަންހެނުންނަށް ބަނގުރާ ދިނުމަށް ފަހު އެމީހުން ރޭޕްކުރެ އެވެ. އަދި ބައެއް ޙާލަތްތަކުގައި އަންހެނުންގެ ރުހުމުގައި ވެސް ޖިންސީ ގުޅުން ހިންގާ ކަމަށްވެ އެވެ.
ރޭޕްކުރުމަށް ފަހު އަދި ރުހުމުގައި ޖިންސީ ގުޅުން ހިންގާ ފަރާތްތަކާ އެކު ނަހަމަ ގޮތުގައި ޖިންސީ ގުޅުންތައް ހިންގުމަށް ފަހު ސުވޭލް، އަންހެނުންތައް މަރަނީ އެމީހުންނަށް އެކި އަނިޔާކޮށްހަދައިގެންނެވެ. މަރާލުމަށް ފަހު ހުރިހާ އަންހެނުން ވެސް ވަޅުލަނީ ބަރަހަނާ ޙާލަތުގައި ހަށިގަނޑު ޕްލާސްޓިކް ކޮތަޅަކަށް ލުމަށް ފަހު ކަމަށް ވެސް އޮހާޔޯގެ ފުލުހުން ބުނެ އެވެ.
ސުވޭލް މެރުމަށް ޤާޒީ ޙުކުމް ކުރީ ވިހަ އިންޖެކްޝަނެއް ޖަހައިގެން މެރުމަށެވެ. އޭނާ މެރުމަށް ހަމަޖެހިފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. ނަމަވެސް ސުވޭލް ރޭޕްކުރި ބައެއް އަންހެނުންގެ މައިންބަފައިން ވަނީ އޭނާ އަށް މަޢާފްދޭން ތައްޔާރަށް ތިބިކަން ހާމަކޮށްފަ އެވެ. އަދި މިމައްސަލަ އިސްތިއުނާފުކޮށްގެން މަރުގެ ޙުކުމް ތަންފީޒުކުރުން ލަސްކުރުމުގެ ފުރްސަތު އޭނާއަށް އެބައޮތް ކަމަށް ޚަބަރުތައް ބުނެ އެވެ. (ބީ.ބީ.ސީ