24 May 2010, 10:27
14:30
މަސްތުވާތަކެތީގެ މައްސަލައެއްގައި އެމެރިކާއިން ހޯދަން ބޭނުންވެފައިވާ ކުށްވެރިއެއް ކަމަށްވާ ކްރިސްޓޮފަރ ޑޫޑަސް ކޯކް އަށް ތާއީދުކުރާ ބަޔަކު އޭނާ ދިރިއުޅޭ ގައުމުކަމަށްވާ ޖެމެއިކާގެ ބައެއް ޕޮލިސް ސްޓޭޝަންތަކަށް ހަމަލާދީ އެގައުމުގައި ހަމަނުޖެހުން ހިންގަމުން ދިޔުމާ ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފި އެވެ.
އަލްޖަޒީރާއިން މައުލޫމާތުދޭ ގޮތުގައި ޖެމެއިކާގައި ކުއްލި ހާލަތު އިއުލާންކުރީ ރޭގެ ވަގުތެއްގަ އެވެ. އަދި އެގައުމުގެ ސަރުކާރުން ކުއްލި ހާލަތު އިއުލާންކުރީ ކްރިސްޓޮފަރ ޑޫޑަސް ކޯކަށް ތާއީދުކުރާ ގޭންގުތަކުގެ ބަޔަކު، ވެރިރަށް ކިންގްސްޓަންގެ ބައެއް ޕޮލިސް ސްޓޭޝަންތަކަށް ގޮވާ ތަކެތި އުކައި ބަޑިޖަހަމުން ދިޔުމާ ގުޅިގެން ބައެއް ފުލުހުންނަށް އަނިޔާވެ، ގައުމު ނުރައްކާތެރި ހާލަތަކަށް ދިޔުމާ ގުޅިގެން ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
މިކަމާ ގުޅިގެން ޖެމެއިކާގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިން ވިދާޅުވީ ގައުމުގައި ހަމަނުޖެހުން ހިންގި ފަރާތްތަކަށް ރަނގަޅު ރައްދެއް ދެއްވާނެ ކަމަށާއި ގައުމު ނުރައްކާތެރި ހާލަތަކަށް ވައްޓާލި ކުށްވެރިޔާ ކަމަށްވާ ކްރިސްޓޮފަރ ޑޫޑަސް ކޯކަށް ކާމިޔާބު ލިބުނަ ނުދެއްވާނެ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖެމެއިކާގައި އިއްޔެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކޯކް ދިރިއުޅޭ ކަމަށް ބެލެވޭ ސަރަހައްދަށް އެގައުމުގެ ފުލުހުން ދިޔައިރު އެސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް ކޯކް ހޯދުމުގެ މަސައްކަތް ޖެމެއިކާގެ ފުލުހުން އަދިވެސް ކުރަމުން ގެންދާކަމަށް ވެސް މައުލޫމާތު ލިބެ އެވެ.