07 Jan 2018, 21:28
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ހއ. ދިއްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭއެފްސީ "ސީ" ލައިސަންސް ކޯޗިން ސެޓިފިކެޓް ކޯހުގައި ބައިވެރުވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމްއިން ބުނެފައިވަނީ ދިއްދޫގައި ކުރިއަށްދާ ކޯޗިން ކޯސް ކުރިއަށްދާނީ މާޗް މަހުގެ ހަތަރަކުން 18 އަށް ކަމަށެވެ. އެ ކޯހުގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ބައިވެރިވެވޭނެ ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ.
އެ ކޯހުގައި ބައިވެރިވާން ބޭނުންވާ މީހުން މިމަހުގެ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިއްދޫ ޒުވާނުންގެ މަރުކަޒަށް ފޯމު ހުށައެޅުމަށްވެސް އެފްއޭއެމްއިންވަނީ އަންގާފަ އެވެ. ކޯހުގެ ބައިވެރުވުމުގެ ފީއަކީ 3000 ރުފިޔާ އެވެ. ބައިވެރުވުމަށް އެދޭ ފޯމުވެސް ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ ދިއްދޫ ޒުވާނުންގެ މަރުކަޒުންނެވެ.
އެފްއޭއެމްއިން މިދިޔަ އަހަރުވެސް މާލޭގައި ގުރާސް ރޫޓް ކޯޗިން ކޯހެއްވަނީ ހިންގާފައެވެ. އަދި ނިމިދިޔަ ޑިސެންބަރު މަހުގެ ތެރޭގައިވަނީ ދެ ހަފްތާގެ ތެރޭގައި އޭއެފްސީ ބީ ލައިސަންސް ކޯހެއް ހިންގާފައެވެ. އޭއެފްސީ އޭ ލައިސަންސްގެ ކޯޗިންގެ ކޯހެއްވެސް ވަރަށް އަހަވަހަށް އޮންނާނެ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
ކޯޗުން ތަމްރީން ކުރުމަކީ ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެފްއޭއެމްއިން އެކުލަވާލަމުން ގެންދަވާ އޮނިގަނޑުގައި ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.