07 Jan 2018, 22:33
ސްރީލަންކަން އެއާލައިންސްއިން މާލެއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ފްލައިޓުތައް މަދުކުރުމަށް ނިންމައިފިއެވެ.
ސްރީލަންކަން އެއާލައިންސްގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވި ގޮތުގައި، ނިމިދިޔަ ޗުއްޓީ ދުވަސްވަރު ކޮލޮމްބޯއާ މާލެއާ ދެމެދު ދަތުރުކުރުމަށް ޑިމާންޑު ބޮޑުވުމާ އެކު، ސްރީލަންކަންއިން މާލެއާ ކޮލޮމްބޯއާ ދެމެދުގެ ފްލައިޓުތައްވެސް އިތުރުކުރިއެވެ.
ނަމަވެސް މިހާރު ޗުއްޓީ ސީޒަން ނިމި، ޑިމާންޑު ކުޑަވުމާ އެކު ފްލައިޓުތަކުގެ އަދަދު މަދުކުރުމަށް ނިންމީ ކަމަށް ސްރީލަންކަންއިން ބުންޏެވެ.
ސްރީލަންކަންއިން ބުނެފައިވާ ގޮތުގައި، ޖެނުއަރީއިން އޯގަސްޓް މަހާ ހަމައަށް، ބައެއް ފްލައިޓުތައް ކެންސަލް ކުރެވޭނެއެވެ.
ކެންސަލްކުރާ ސްރީލަންކަން އެއަލައިންސްގެ ފްލައިޓުތަކާއި ތާރީޚުތައް، އަދި ބަދަލުގައި ފަސިންޖަރުންނަށް ދަތުރުކުރެވޭނެ ފްލައިޓުތަކުގެ ތާވަލެއް -- ސްރީލަންކަން
ކެންސަލް ކުރަނީ ކޮލޮމްބޯއިން މާލެއަށް، ރޭގަނޑު ދަތުރުކުރާ ޔޫއެލް 109 ފްލައިޓާއި، މާލެއިން ކޮލޮމްބޯއަށް ދަންވަރު ދަތުރުކުރާ ޔޫއެލް 110 ފްލައިޓެވެ.
އެ ފްލައިޓުތަކުގައި ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ ފަސިންޖަރުންނަށް ބަދަލުގައި، ކޮލޮމްބޯއިން މާލެއަށް ދަތުރުކުރާ ޔޫއެލް 103 ފްލައިޓާއި މާލެއިން ކޮލޮމްބޯއަށް ދަތުުރުކުރާ ޔޫއެލް 104 ފްލައިޓުން ޖާގަ ލިބޭނެކަމަށް ސްރީލަންކަން އެއާލައިންސްއިން ބުނެއެވެ.
ސްރީލަންކަންއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފްލައިޓު ބާއްވާ ބައިނަލްއަގުވާމީ އެއާލައިނެވެ. ސްރީލަންކަންއިން އެގައުމުގެ ކޮލޮމްބޯއިން މާލެއަށް ސީދާ ދަތުރުތައް ކުރާއިރު، ކޮލޮމްބޯއާ އައްޑޫ ސިޓީގެ ގަމަށްވެސް ސީދާ ދަތުރުތައް ކުރެއެވެ.