07 Jan 2018, 19:59
މެލޭޝިއާގައި އަންނަ އޮގަސްޓް މަހު ބާއްވާ އާންމު އިންތިހާބުގައި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ ކެންޑިޑޭޓެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ނެރޭނީ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އުމުރުން 92 އަހަރުގެ މަހާތީރަކީ މެލޭޝިއާގައި މީގެ 15 އަހަރު ކުރިން ބޮޑު ވަޒީރުކަން ކޮށްފައިވާ ބޭފުޅެކެވެ. މަހާތިރު ވެރިކަން ކުރެއްވި 22 އަހަރުގައި އެގައުމުގެ ގިނަ ބައެއްގެ ތާއީދު އޭނާ ވަނީ ހޯއްދާފައެވެ. ނަމަވެސް އެދުވަސްވަރު އޭނާގެ ބޯ ހަރުކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުވެސް ވިދާޅުވެފައެވެ.
އިދިިކޮޅު ޕަކަޓާން ހަރަޕަން އިއްތިހާދުން މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު އެކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް ސައިފުއްދީން އަބުދުﷲ ވިދާޅުވީ އެ އިއްތިހާދަށް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ މަހާތީރު ކަމަށެވެ. އަދި އޭނާގެ ނައިބަކަށް ގެންނަވާނީ މިވަގުތު ޖަލުގައި ހުންނެވި މެލޭޝިއާގެ އެންމެ ތާއީދު ބޮޑު އިދިކޮޅު ލީޑަރު އަންވަރު އިބުރާހީމް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިއްތިހާދަށް ކާމިޔާބު ވެއްޖެނަމަ އަންވަރަށް ޝާހީ މައާފް ދިނުމަށް ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ޕްރޮސެސް ވަގުތުން ފަށަން ޕާޓީތަކުން ވަނީ އެއްބަސްވެފައި،" އޭނާ ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
މީގެކުރިން ދިން އިންޓަވިއުއެއްގައި މަހާތިރު ވިދާޅުވީ ކުރިން ދުޟްމަނުންގެ ގޮތުގައި ތިބި މިހާރުގެ އިދިކޮޅު ކޯލިޝަންގެ ލީޑަރުންނަށް އޭނާ ބަލައިގަތުން ވީ އުނދަގޫ ކަމަކަމަށް ކަމަށެވެ. ނަމަވެސް މިހާރު އެންމެން އެކައްޗެއް ކިޔައިގެން މަސައްކަތް ކުރަން ބޭނުންވަނީ ބޮޑުވަޒީރު ނަޖީބު ރައްްޒާގުގެ އަތްދަށުން މެލޭޝިއާ ސަލާމަތް ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
އަންވަރު ޖަލުގައި ހުންނެވުމުން މިހާރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރެއްވޭނެ ބޭފުޅަކަށް ދެން ހުންނެވީ މަހާތީރެވެ. ނަޖީބު ރައްޒާގަކީ ޚުދުމުޚުތާރު ބޭފުޅެއް ކަމަށް ވިދާޅުވެ، މަހާތީރު ގެންދަވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.