08 Jan 2018, 12:24
އިންޑިއާގެ ގުޖުރާތު ސިޓީގެ ރާޖްކޮތްގެ ޕްރޮފެސަރެއް އޭނާގެ 64 އަހަރުގެ ބަލި މަންމަ ޓެރަސް މަތިން ކޮއްޕާލައި ވައްޓާލައިގެން މަރާލި ކަމަށް އެއްބަސްވެއްޖެ އެވެ.
ރާޖްކޮތްގެ ފާމަސީއެއްގައި ކިޔަވައިދޭ ސަންދީޕް ނަތުވާނީ މިދިޔަ ސެޕްޓެމްބަރު މަހު އޭނާގެ މަންމަ މަރާލާފައި ވަނީ މަންމަގެ ބަލިވެ އުޅޭތީ އޭނާ އަށް މާބޮޑަށް އުނދަގޫވެގެންނެވެ.
ސަންދީޕްގެ އާއިލާއިން ކުރިން ބުނީ އޭނާގެ މަންމަ މަރުވީ އަމިއްލައަށް ކަމަށެވެ. ސަންދީޕްގެ މަންމައަކީ ސިކުނޑީގެ ބަލިހުންނަ މީހެކެވެ.
ފުލުހުން ވަރަށް ފަހަކާ ޖެހެންދެން ސަންދީޕްގެ ވާހަކަ ގަބޫލުކުރި އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގްކުރީ ކާކުކަން ނޭނގޭ މީހަކު ފުލުހުންނަށް ގުޅައި ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ފަހުން ކުރި ތަހުގީގުތަކުގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓްގެ ސީސީޓީވީ ފޫޓޭޖްތަކުން ވަނީ ސަންދީޕް ގަދަކަމުން އޭނާގެ މަންމަ ޓެރަސްއަށް ގެންދާ މަންޒަރު ފެނިފަ އެވެ.
"އަޅުގަނޑުމެން އެ ސަރަހައްދުގެ އެކިއެކި ސީސީޓީވީ ފޫޓޭޖުތައް ބެލިން. ތަހުގީގުތަކުން އަޅުގަނޑުމެންނަށް އެނގުނު ސަންދީޕްގެ މަންމައަށް ރަނގަޅަށް ނުހިނގޭކަން. އަދި ޓެރެސްގައި ހުރި ތިން ފޫޓު ފާރުމަތިން އޭނާ އަށް އަމިއްލައަށް ފުންމައިނުލެވޭނެ ކަން." ރަޖްކޮތް ސިޓީގެ ޕޮލިސް ކޮމިޝަނަރު އަނޫޕާމް ސިންގް ވިދާޅުވި އެވެ.
ސަންދީޕް ފަހުން ފުލުހުން ކައިރީ ބުނީ، އޭނާގެ މަންމަ ވަރަށް ބަލިވެފައި ރަނގަޅަށް ހަރާކަތްތެރިވެ ނޫޅެވޭ ކަމަށާއި އެހެންކަމުން އޭނާގެ އަންހެނުންނާއި ވަރަށް ބޮޑަށް މައްސަލަ ޖެހޭ ކަމަށެވެ.
ފުލުހުންގެ ތަހުގީގުތަކުގައި ސަންދީޕް ވަނީ ވަކި ހިސާބަކުން ހާލު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ފުލުހުން ބުނީ ސަންދީޕް ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް އޭނާ ހައްޔަރުކުރާނެ ކަމަށެވެ.
މަސްދަރު : އިންޑިއަން އެކްސްޕްރެސް