08 Jan 2018, 08:57
ރޮހިންގާ ހަނގުރާމަވެރިން މިޔަންމާ ސިފައިންގެ ބަޔަކަށް ހަމަލާދީ ސިފައިންގެ ފަސް މީހަކު ޒަހަމްކޮށްލައިފި އެވެ.
މިޔަންމާގެ ދައުލަތުގެ މީޑިއާ އިން ބުނީ އެ ހަމަލާގައި މިޔަންމާ ސިފައިން ދަތުރުކުރަމުން ދިޔަ އުޅަނދަކަށް 20 "ހަނގުރާމަވެރިން" ހަމަލާދިން ކަމަށެވެ. އަދި ބުނީ އެ ހަމަލާ ދީފައި ވަނީ ރޮހިންގާ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ އަރަކާން ރޮހިންގާ ސެލްވޭޝަން އާމީ (އަަރުސާ) އިން ކަމަށެވެ.
އަރުސާ އިން ވަނީ އެ ހަމަލާގެ ޒިންމާ ނަގައިފަ އެވެ.
މިޔަންމާގެ ސިފައިންނަށް އޮގަސްޓު މަހު ދިން ހަމަލާތަކާ އެކު އެގައުމުން ފެށި ވަރުގަދަ މިލިޓަރީ އޮޕަރޭޝަނަށް ފަހު ހަ ލައްކައަށް ވުރެ ގިނަ ރޮހިންގާ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
އދ. އިން ބުނީ މިޔަންމާގެ ސިފައިން ހިންގީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށާއި އަދި މިޔަންމާ ސިފައިން ރޮހިންގާ މީހުންގެ ގެތަކުގައި ހުޅުޖަހައި، މީހުން މަރައި އަންހެނުނުންގެ އިއްފަތްތެރިކަން ނަގާލުމުގެ އަމަލުތައް ހިންގައިފައިވާ ކަމަށެވެ.
ބަނގުލަދޭޝްގެ ސަރުކާރުން ވަނީ ރޮހިންގާ ރެފިޔުޖީން އަނބުރާ އެމީހުންގެ ވަޒަނަށް ގެންދިޔުމަށް މިޔަންމާ ސަރުކާރާ އެކު މިދިޔަ މަހު ސޮއި ކޮށްފަ އެވެ.
މަސްދަރު : އަލްޖަޒީރާ