ށ. ފުނަދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާތެރޭގައި ފެށޭވަރު ވާނެ ކަމަށް އެ މަސައްކަތް ހަވާލްކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ފުނަދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިިން ހިއްކުމުގެ މަޝްރުއުއާ ގުޅޭ ގޮތުން އެމްޓީސީސީ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް "ސަން"އަށް މިއަދު ވިދާޅުވީ އެ މަސައްކަތް އަންނަ ހަފްތާތެރޭގައި ފެށޭ ވަރު ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ އެމްޓީސީސީން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"މިހާރު އެ މަސައްކަތް ފަށަން މި ތައްޔާރު ވަނީ. ލަފާ ކުރެވެނީ މަހާޖއްރާފް އަންނަ ހަފްތާތެރޭގައި އެ ރަށަށް ދާނެކަމަށް. އެއިރުން އެ މަސައްކަތް ފެށިގެންދާނެ." ހުޝާމް ވިދާޅުވިއެވެ.

ހުޝާމް ވިދާޅުވީ އެމްޓީސީސީން ފުނަދޫގެ އެއާޕޯޓް އަޅާ ސަރަހައްދު ވަށައިގެން ޖަހަން ޖެހޭ ބަންދުގެ މަސައްކަތް މުޅިން ނިންމާލާފައިވާ ކަމަށެވެ. އަދި މަހާ ޖައްރާފް އެ ރަށަށް ދާންވާއިރަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ސަން"އަށް އެމގިފައިވާ ގޮތުގައި ފުނަދޫގެ ބިން ހިއްކުމުގެ މަޝްރުއު އިފްތިތާހް ކޮށްދެއްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އެމަނިކުފާނު އަންނަ ހަފްތާގައި ފުނަދޫއަށް ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މަހާ ޖައްރާފް ފުނަދޫ އެއާޕޯޓް އަޅާ ބިން ހިއްކަން އެ ރަށަށް މިސްރާބު ޖަހާއިރު އެ ޑްރެޖަރުގެ ފުރަތަމަ މަޝްރުއުގެ ދަށުން ވަނީ ހދ. ކުޅުދުއްފުށި އެއާޕޯޓް އަޅާ ބިން ހިއްކައި ނިންމާފައެވެ.

ފުނަދޫ އެއާޕޯޓަކީ މި އަހަރުގެ ބަޖެޓްގައިވެސް ހިމަނައިގެން ކުރިއަށް ގެންދާ މަޝްރުއުއެކެވެ.