07 Jan 2018, 17:31
އިނގިރޭސިވިލާތުގެ މުއްސަނދިި ކުލަބު، މެންޗެސްޓާ ސިޓީން އިންޑިއާގެ ފުޓުބޯޅައަށް އިންވެސްޓް ކުރަން އުޅޭ ކަމުގެ ފެހި ސިގްނަލެއް ދީފިއެވެ.
މިވަގުތު އިންޑިއާގައި ހުރި މެންޗެސްޓާ ސިޓީގެ ސީއީއޯ ފެރަން ސޮރިއާނޯ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ނޫނަސް އިންޑިއާގެ ފުޓުބޯޅައަށް އިންވެސްޓް ކުރުމަށް ވިސްނާ ކަމަށެވެ.
"އެހާ އަވަސް މުސްތަގުބަލެއްގައި އިންވެސްޓް ނުކުރި ނަމަވެސް، އިންޑިއާގެ ފުޓުބޯޅައަކީ ފުޓުބޯޅައަށް ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ. އިންޑިއާ ކުޅުންތެރިންގެ ފަރާތުން ހުނަރު ފެނޭ. ފުޓުބޯޅައަށް ހުރި ލޯބި ފެނޭ. އިންޑިއާގެ ފުޓުބޯޅައިގެ ކުރިއެރުން ފެންނާނީ އުޖާލާކޮށް،" ކުރިން ސުޕެއިންގެ ބާސެލޯނާގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ފެރަން ސޮރިއާނޯ ވިދާޅުވިއެވެ.
އިންޑިއާގެ ސުޕަލީގުގައި ޖަމްޝެދުޕޫރާއި މުމްބާއީއެފްސީ ވާދަކުރި މެޗު ބައްލަވައިލެއްވުމަށް ވަޑައިގެންނެވި ފެރަން ސޮރިއާނޯ ވިދާޅުވީ އިންޑިއާއަށް ކުރައްވާ ދަތުރުފުޚަކީ ކުޅުންތެރިންގެ ހުނަރު ބައްލަވައިލެއްވުމަށާއި، އިންޑިއާގެ ފުޓުބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އިނގިރޭސި ވިލާތުގެ ވިޔަފާރި ނޫހެއް ކަމަށްވާ "ބިޒްނަސް އިންސައިޑާ" ބުނާގޮތުން ސިޓީއަކީ މިހާރު ދުނިޔޭގެ ފަސްވަނައަށް އެންމެ މުއްސަނދި ކުލަބެވެ. ކުލަބުގެ އަގު 392.6 މިލިއަން ޕައުންޑަށް އަރާއިރު، އަބޫދާބީގެ ބިލިއަނަރު މަންސޫރު ބިން ޒައިދް އަލް ނަހްޔާންއަކީ މެންޗެސްޓާ ސިޓީ އަދި ސިޓީ ފުޓްބޯލް ގުރޫޕްގެވެސް ވެރިމީހާއެވެ.
ސިޓީ ފުޓްބޯލް ގުރޫޕަކީ މިހާރުވެސް ހަ ކުލަބެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެގޮތުން އިނގިރޭސިވިލާތަށް ނިސްބަތްވާ މެންޗެސްޓާ ސިޓީގެ 100 ޕަސެންޓް ހިއްސާދާރުންނަކީ ސިޓީ ގުރޫޕެވެ. މީގެ އިތުރުން އެމެރިކާ ލީގުގެ ނިއުޔޯކް ސިޓީ އެފްސީގެ 80 ޕަސެންޓް ހިއްސާ، އޮސްޓުރޭލިއާގެ މެލްބާން ސިޓީގެ 100 ޕަސެންޓް ހިއްސާ، އުރުގުއޭގެ ކުލަބު އެތުލެޓިކޯ ޓޯކުގެ 100 ޕަސެންޓް ހިއްސާ، ޖަޕާންގެ ޔޮކަހާމާ އެފް މެރީނޯސްގެ 20 ޕަސެންޓް ހިއްސާ އަދި ލަލީގާގެ ގިރޯނާ އެފްސީގެ 44.3 ޕަސެންޓް ހިއްސާދާރުންނަކީވެސް ސިޓީ ފުޓްބޯލް ގުރޫޕެވެ.