07 Jan 2018, 16:00
ފިނޭންސް މިނިސްޓްރީގެ ބަޖެޓް އިމްޕްލިމެންޓް ކުރުމާއި ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވާލުމަށް "ބަނޑޭރި ޕޯޓަލް"ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާހުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސީނިއާ އެޑްވައިޒާ ޓު ދަ މިނިސްޓަރ މުހައްމަދު ޖަލީލްއެވެ. "ބަނޑޭރި ޕޯޓަލް" އަކީ ފިނޭންސް މިނިސްޓްރީގެ ބަޖެޓް ތަންފީޒުކުރުމާ ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވާލުމަށް ތައާރަފްކުރެވުނު ޕޯޓަލްއެކެވެ.
މި ޕޯޓަލް މެދުވެރިކޮށް، އޮފީސްތަކުން ތިން ބާވަތެއްގެ ރިކުއެސްޓް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅޭނެއެވެ. އެއީ ބަޖެޓުގެ އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ބަދަލުކުރުން، އެޑްވާންސް ފަންޑުން ފައިސާ ހޯދުން ނުވަތަ ބަޖެޓް އިތުރުކުރުން އަދި ހިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް ވަކި ފަރާތަކާ ހަވާލުކުރުމަށް އެދި ހުށަހަޅާ ރިކުއެސްޓެވެ. އަދި ހަމައެއާއެކު ދައުލަތުގެ ދަތުރުތައް އެއް ވިއުގައަކުން ގުޅާލައި މެނޭޖްކޮށް ބެލެހެއްޓުމަށް ދަތުރުތަކުގެ ހުއްދަދިނުން ވެސް މި ޕޯޓަލްއަށް ވަނީ ބަދަލުކުރެވިފައެވެ.
ބަނޑޭރި ޕޯޓަލްއާއެކު ދައުލަތުގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިއަށްވުރެ ހަލުވި ވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއާއެކު ކުރެވެމުންދާ މުއާމަލާތްތައް އަވަސްކުރެވި ޖުމްލަކޮށް މުޅި ދައުލަތުގެ މާލީ ނިޒާމުގެ ހިންގުން އަވަސްވެ، ހަރުދަނާވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއާ ހިލާފަށް ބަޖެޓާ ގުޅޭގޮތުން ހުށަހެޅޭ ރިކުއެސްޓްތައް ފުރިހަމަ މައުލޫމާތާއެކު ޕޯޓަލް މެދުވެރިކޮށް އައުމުން އެކަމާމެދު ގޮތް ނިންމުމަށް ފަސޭހަވެ އަވަސްވެގެންދާނެއެވެ.
މީގެ އިތުރުން ބަނޑޭރި ޕޯޓަލް ބޭނުންކުރަން ފެށުމާއެކު، މިހާރު ފިނޭންސް މިނިސްޓްރީއާއެކު ބަދަލު ކުރެވެމުންދާ ލިޔެކިޔުންތައް، އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރެވިގެން ދިއުމުން ބޭނުންކުރެވޭ ކަރުދާސް އެތައް ގުނައެއް މަދުކުރެވިގެންގޮސް، ތިމާވެއްޓާ އަހުލުވެރި ނިޒާމެއް ގާއިމްވެގެންދާނެއެވެ.