07 Jan 2018, 16:21
ގަސްދުގައި މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޕަންޖާބުގެ ގޭންގްސްޓާ ލޯރެންސް ވިޝްނޯއީ، ބޮލީވުޑް އެކްޓަރު ސަލްމާން ޚާނަށް މަރުގެ އިންޒާރު ދީފި އެވެ.
ޖޯދްޕޫރުގައި ހުއްޓާ ސަލްމާން މަރާލާނެ ކަމަށް ވިޝްނޯއީ ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުވަމުން މީޑިއާގެ ވެސް ކުރިމަތީގަ އެވެ.
ސަލްމާން ޖޯދްޕޫރަށް ދިޔައީ 1998 ވަނަ އަހަރު ޖޯދުޕޫރުގައި ޖަނަވާރުގެ ބާވަތެއް ކަމަށްވާ ޗިންކާރާތަކެއް މަރާލައި އެ ޖަނަވާރުތައް ކެއްކި ދެ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމަށެވެ.
ސަލްމާނަށް މަރުގެ އިންޒާރު ދިނީ ވިޝްނޯއީއާ ދެމެދު އެއްވެސް ކަހަލަ ޒާތީ ހަސަދައެއް އޮވެގެން ނޫނެވެ. ހަމައެކަނި ޖޯދްޕޫރު ފުލުހުންނަށް ޗެލެންޖް ކުރުމަށެވެ.
ވިޝްނޯއީ ބުނީ މަރުގެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފްރޭމް ކޮށްގެން ކަމަށެވެ. ވިޝްނޯއީ މިހާރު ހައްޔަރުކޮށްފައި ހުރީ މޮބައިލް ވިޔަފާރިވެރިއެއް ކަމަށްވާ އިސްރާނީ މަރާލި ކަމަށް ބުނެ އެވެ.
ނަމަވެސް މީޑިއާއާ ވާހަކަ ދައްކަމުން ވިޝްނޯއީ ބުނީ އިސްރާނީ މަރާލި ދުވަހު ވެސް ވިޝްނޯއީ ހުރީ ޖަލުގައި ކަމަށާއި، ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.
އަދި އެއްވެސް މައްސަލައެއްގައި އޭނާގެ އަތެއް ނުވާނެ ކަމަށާއި، ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށް މަރުގެ މައްސަލައެއް ސާބިތު ކުރުމަށް ހިފާލާފައި ތިބީތީ، ފުލުހުންނަށް ފިލާވަޅެއް ދިނުމަށް ސަލްމާން ޖޯދްޕޫރުން ފުރުމުގެ ކުރިން ސަލްމާން މަރާލާނެ ކަމަށް ވިޝްނޯއީ ބުންޏެވެ.
ސަލްމާނަށް މަރުގެ އިންޒާރު ދިނުމާއެކު، ފުލުހުން ވަނީ ސަލްމާންގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.