07 Jan 2018, 15:24
ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓުގައި އިމާރާތްތަކެއް އަޅާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސްއިން އިއުލާނުކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސްއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އެއާޕޯޓުގައި ފަސިންޖަރުންގެ ޓާމިނަލަކާއި ފަޔާ އެންޑް ރެސްކިއު ބިލްޑިންގއެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
އަދި އެ ދެ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ހެދުމަށް މީހުން ހޯދަންވެސް ވަނީ އިއުލާނުކޮށްފަ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ރީޖަނަލް އެއާޕޯޓްސްގެ އޮފީސް ވެލާނާގެ 11 ވަނަ ފަންގިފިލާއާއަށް ވަޑައިގަތުމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އަދި މައުލޫމާތު ސާފުކުރެއްވުމަށް ފަހު މިމަހުގެ 18 ވަނަ ދުވަހު އެސްޓިމޭޓް ހުށަހެޅުމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓު އަޅަން ބޭނުންވާ ސަރަހައްދުގެ ބިންހިއްކައި މިހާރު ވަނީ ނިމިފަ އެވެ. އަދި ފުނަދޫ އެއާޕޯޓު އަޅަން ބޭނުންވާ ސަރަހައްދު ސާފުކޮށް މިހާރުވަނީ އަމަލީ މަސައްކަތް ފަށައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ކުރިން ވިދާޅުވީ، ފެށޭ އަހަރުގެ ޖުލައި މަހު ދެ އެއާޕޯޓަށްވެސް ބޯޓު ޖައްސާނެ ކަމަށެވެ.