07 Jan 2018, 20:15
ރާއްޖެއިން ބޭރުގައި މި މަހު ބާއްވާ ބޮޑު ފަސް ޓޫރިޒަމް ފެއާއެއްގައި ރާއްޖެ ތަމްސީލު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރުވެއްޖެ އެވެ.
އެމްއެމްޕީއާރްސީ އިން ވަނީ މިއަދު ފެއާގައި ބައިވެރިވާ މީހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
ޖެނުއަރީ މަހު އެމްއެމްޕީއާރްސީ އިން ބައިވެރިވާ ފެއާތަކުގެ ތެރޭގައި ޖެނުއަރީ 17-21 އަށް ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޓުއަރިޒަމް ފެއާ، "ފިތޫރް 2018" ހިމެނެ އެވެ. އެ ފެއާގައި މި އަހަރު ދިވެހި 22 ކުންފުންޏަކުން 38 މަންދޫބުން ބައިވެރިވެ އެވެ.
ޖެނުއަރީ 25-28 އަށް ސުވިޒަލެންޑުގެ ޒިއުރިކްގައި ކުރިއަށްދާ ޓުއަރިޒަމް ފެއާ "ފެސްޕޯ 2018" ގައި އެ ކޯޕަރޭޝަނާ އެކު ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ 12 ކުންފުންޏަކުން 19 މަންދޫބުން ބައިވެރިވެ އެވެ.
އޭގެ އިތުރުން އޭޝިއާ ޕެސިފިކް ގައި ކުރިއަށް ގެންދާ އެންމެ ބޮޑު ޓްރެވަލް ޝޯ، "އޯޓީއެމް 2018" ގައި ބައިވެރިވުމަށް ވެސް އެ ކޯޕަރޭޝަނުން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ޖެނުއަރީ 18-20 އަށް އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ އެ ފެއާ ގައި އެމްއެމްޕީއާރްސީ އާއެކު 13 ކުންފުންޏަކުން 22 މަންދޫބުން ބައިވެރިވެ އެވެ.
ތުރުކީގެ އިސްތަންބޫލުގައި ޖެނުއަރީ 25-28 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އެމިޓް 2018" ގައި އެ ކޯޕަރޭޝަނާ އެކު އަށް ކުންފުނިން 16 މަންދޫބުން ބައިވެރިވާނެ އެވެ.
އަދި ޖަރުމަނުގެ ޑަސްލްޑޯފްގައި ޖެނުއަރީ 20-28 އަށް ކުރިއަށްދާ "ބޫޓް" ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން 15 މަންދޫބުން ބައިވެރިވެ އެވެ.
އެމްއެމްޕީއާރްސީ އިން ބުނީ ބައެއް ކުންފުނިތަކުން ފެއާތަކުގައި ބައިވެރި ކުރާ ތަކެތި މިހާރު ހުށަހަޅާފައިވާ ކަމަށާއި، އަދި އެތަކެތި ގައުމުތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ފެއާތަކަށް ދިވެހި ކުންފުނިތަކުން ލިބުނު ތަރުހީބު ބޮޑުކަން އެ ކޯޕަރޭޝަނުން ފާހަގަ ކުރި އެވެ.
އެ ފަސް ފެއާގެ އިތުރުން މިއަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ 10 ފެއާ އެއްގައި އެމްއެމްޕީއާރްސީ އިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.