އީގަލްސްގެ ކެޕްޓަންގެ މަގާމު އަދާކުރަމުން އަންނަ މިޑްފީލްޑަރު އިމްރާން ނާޝިދު (އިންމަ) ނިއުރޭޑަންޓަށް ސޮއިކޮށްފިއެވެ.

ވޭތުވެދިޔަ ތިން ސީޒަންގައިވެސް އީގަލްސް ކެޕްޓަންކަމުގެ ދައުރު އަދާކުރަމުންދިޔަ އިންމަ ނިއުރޭޑިއަންޓަށް ސޮއިކުރީ މިއަދުގެ ވަގުތެއްގައެވެ.

ވިޔަންސާ އަށްވެސް ކުޅުނު އިންމަ ވިދާލީ އީގަލްސްއިންނެވެ. މެދު ތެރެއިން ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ މިޑްފީލްޑަރު، އިންމަ ވަނީ ފާއިތުވެ ތިން ސީޒަނެއްގައި އީގަލްސްއާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން 2016 ވަނަ އަހަރު އެ ކުލަބާއެކު ޕްރެސިޑެންޓްސް ކަޕު އުފުލާލި އިންމަ ވަނީ "މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2016" ގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ވާދަކޮށްފައެވެ.

އިންމައަކީ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުގައިވެސް މިހާރު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން ފަހަކަށް އައިސް ގައުމީ ޓީމުން ކުޅުނު މެޗުތަކުގެ ފުރަތަމަ 11 އިން އިންމަ ވަނީ ފެނިގެން ގޮސްފައެވެ.

ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް އަންނަ ސީޒަންގައި އޭއެފްސީ ކަޕު ކުޅުމަށް ތައްޔާރުވަމުން އަންނަ ނިއުއިން ދަނީ އެޓީމުގެ ސުކޮޑު ވަރުގަދަ ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ ސީޒަންގައި ވެލެންސިއާއަށް މޮޅު ކުޅުމެއް ދެއްކި ހިޝާމް ސަލީމް (ކޮކީ)ވެސް އެޓީމާ ގުޅިފައިވާ އިރު، ނިއުއަށް ވޭތުވެދިޔަ ސީޒަންގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ކުލަބުގައި މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފައެވެ.

ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި ކީޕަރު އިމްރާން މުހައްމަދާއި ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ނިއުގެ ފަހަތް ބެލެހެއްޓި އަކްރަމް އަބްދުލްޣަނީ އާއި ރިލްވާން ވަހީދު (ރިލޭ) އަދި އަހުމަދު އަބްދުﷲ (ލިލީ) ހިމެނެއެވެ. މީގެ އިތުރުން އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ކަންޑޭލާ އަދި މިދުހަތު ފަހުމީ (ބިޗަޑު) ވެސް ވަނީ އަންނަ އަހަރަށް އެއްބަސްވުން އާކޮށްފައެވެ.

ނިއުއިން ވަނީ އަންނަ ސީޒަނަށް ކަންޑޭލާގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިއެއް ގެންނާނެ ކަމަށް ބުނެފައެވެ. އަންނަ ސީޒަންގައިވެސް ނިއުގެ ކޯޗުކަން ކޮށްދޭނީ މިސީޒަންގައި އެޓީމާއެކު ތިން ތަށި އުފުލާލި އޮސްކާ ބުރޫޒޯންއެވެ.