ސްރީލަންކާގެ މަރުކަޒީ ބޭންކުން 2015 ވަނަ އަހަރު ވިއްކި ބޮންޑެއްގެ މައްސަލައިގައި ތުހުމަތުކުރެވޭ، ލަންކާގެގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރުމަށް ސްރީލަންކާގެ ރައީސަށް ހުށަހަޅައިފިއެވެ.

މަރުކަޒީ ބޭންކުން ބޮންޑު ވިއްކީ އެތަނުގެ ގަވަރުނަރުކަމުގައި ކުރިން ހުންނެވި އަރުޖުނާ މަހެންދްރަންގެ ދަނބިދަރި، އަރުޖުނާ އަލޯއިސިއަސްއަށެވެ. އޭރުގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ އެދުވަސްވަރު ދިރިއުޅުއްވި ޕެންޓްހައުސް އެޕާޓްމެންޓުގެ ކުލި ދައްކައިދިނީ އަލޯއިސިއަސްގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ކަމަށް ބަޔަކު ދިޔައީ ތުހުމަތު ކުރަމުންނެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އުފެއްދެވި ރިޔާސީ ކޮމިޝަނުން މައްސަލަ ބަލައި ނިންމައި، ނެރުނު ރިޕޯޓާ ހަވާލައިދީ، ރައީސް ސިރިސޭނާ ވިދާޅުވީ އެ ކޮމިޝަނުން ނިންމާފައިވަނީ ސެންޓްރަލް ބޭންކުން ބޮންޑު ވިއްކި ކުންފުނިން ވަނީ ގާނޫނާ ޚިލާފަށް ޕްރޮފިޓުތަކެއް ހޯދާފައި ކަމަށާއި، މިކަމުގައި އޭރުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ އިހުމާލު އެބަ އޮތް ކަމަށެވެ.

އަދި އޭރުގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަގެ މައްޗަށް ރިޝްވަތު ދިނުމާއި، ދޮގު ހެކި ދިންކަމުގެ ދައުވާ އުފުލުމަށް ކޮމިޝަނުން ލަފާ އަރުވާފައިވާ ކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ.

ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލަ ފެންމަތިވުމާ އެކު، މިދިޔަ އަހަރުގެ ތެރޭގައި ފިނޭންސް މިިނިސްޓަރު ރަވީ ކަރުނާނަޔަކަ ވަނީ ފޮރިން މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް ކޮރަޕްޝަނުގެ ތުހުމަތުތައް އޭނާއަށް ކުރަން ފެށުމާ އެކު، ރަވީ ވަނީ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.