08 Jan 2018, 10:22
ކޭންޕް ޑޭވިޑް (ޖަނަވަރީ 7) : އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަންގެ ކޭމްޕް ޑޭވިޑްގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެޔާގެ ހަތިޔާރުގެ މައްސަލަ ހައްލުކުރެވޭނީ އެ ގައުމުގެ ޒައީމް ކިމް ޖޮންގް އުންއާ ބައްދަލުކޮށް ވާހަކަ ދައްކައިގެން ކަމަށްވާ ނަމަ ޝަރުތަކާނުލައި އެކަން ކުރުމަށް އޭނާ ހުއްނެވީ ތައްޔާރަށް ކަމަށެވެ. ޓްރަމްޕްގެ މިވާހަކަތަކަކީ އުތުރު ކޮރެޔާގެ ޒައީމާ ދެކޮޅަށް އޭނާ ދެއްވަމުން ގެންދަވާ ހަރުކަށި އަދި އުދުވާނީ ބަޔާންތަކާ މުޅިން ފުށުއަރާ ވާހަކަތަކެކެވެ.
ޓްރަމްޕް ވަނީ އުތުރުކޮރެޔާ ނައްތާލަން ތައްޔާރަށް ހުންނެވި ކަމަށް އެތައް ފަހަރަކު ވިދާޅުވެ، އެ ގައުމަށް ހަރުކަށި އިންޒާރުތައް ތަކުރާރުކޮށް ދެއްވައިފަ އެވެ. މީގެ އިތުރުން އުތުރުކޮރެޔާއާ ސުލްހައިގެ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ މިދިޔަ އަހަރު އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލަސަން ބަޔާނެއް ދެއްވުމުން ޓްރަމްޕް ވަނީ އުތުރުކޮރެޔާއަކީ ވާހަކަ ދެއްކޭ ވަރުގެ ގައުމެއް ނޫން ކަމަށް ވިދާޅުވެ، ޓިލަސަން ދެކެ ކޯފާވެ ވަޑައިގެންފަ އެވެ. ކޭމްޕް ޑޭވިޑްގައި ޓްރަމްޕް ދެއްވި ބަޔާނުގައި ދެކޮރެޔާ ދެމެދުގައި އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތަކަށް ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ޓްރަމްޕްގެ ވާހަކާގައި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ސިފަކުރެއްވީ "ކުޑަ ރޮކެޓް މީހާ"ގެ ގޮތުގަ އެވެ.

ޓްރަމްޕް
އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން، އޭނާގެ ރިޔާސީ މޭޒުކޮޅުގައި އަބަދުވެސް ނިއުކްލިޔާ ބަޓަނެއް އިންނަ ކަމަށް ދާދިފަހުން ވިދާޅުވުމާ އެކު، އެކަމަށް ރައްދު ދެއްވައި ޓްރަމްޕް ވަނީ އޭނާގެ ޑެސްކުގައި އިންނަ ނިއުކްލިއާ ބަޓަން މާބޮޑުވެފައި އޭގެ ބާރު މާގަދަވާނެ ކަމަށް ވިދާޅުވެ އުތުރު ކޮރެޔާގެ ޒައީމަށް ރައްދު ދެއްވައިފަ އެވެ.
ޓްރަމްޕަކީ އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އުތުރު ކޮރެޔާއަށް ބިރު ދައްކަން ވެސް ޓްރަމްޕް އެތައް ފަހަރަކު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެކަމުގައި ޓްރަމްޕަށް ކާމިޔާބު ލިބިފައެއް ނުވެ އެވެ. އެގޮތުން އެމެރިކާގެ ހަނގުރާމައިގެ ފްލީޓެއް ރީނދޫ ކަނޑުން އުތުރުކޮރެޔާގެ އައްސޭރި ފަށުގެ ކައިރިއަށް ފޮނުއްވުމަށް ފަހު އެ ފްލީޓް ވަނީ އަނބުރައި ގެންދަވައިފަ އެވެ. އެފްލީޓް އުތުރުކޮރެޔާއަށް ފޮނުވި އިރު ވެސް އަޑިއަޑިން ސިއްރިޔާތުގައި ޓްރަމްޕް ވަނީ އުތުރު ކޮރެޔާގެ ޒައީމްއާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވިކަން އެގައުމަށް އަންގަވައިފަ އެވެ.
އުތުރުކޮރެޔާ ވަނީ އެ ގައުމުގެ ނިއުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕޮރޮގްރާމް ނައްތާނުލާނެ ކަމަށް ބުނެފަ އެވެ. އެކަމަށް ޓަކައި ވާހަކަ ދައްކާ ނަމަ އެ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށް ތަކުރާރުކޮށް އުތުރުކޮރެޔާއިން ބުނަމުން ގެންދެ އެވެ. ނަމަވެސް އުތުރުކޮރެޔާއަކީ ނިއުކްލިޔާ ގައުމެއްކަމަށް ގަބޫލުކޮށްގެން އެގައުމާއެކު ސުލްޙަވުމަށް ކުރާ ކޮންމެ މަސައްކަތެއް ބަލައިގަންނާނެ ކަމަށް އެގައުމުން ބުނެ އެވެ.
އުތުރުކޮރެޔާ ދެކޭ ގޮތުގައި އެމެރިކާއާއި އެނޫން ގައުމުތަކަށް ނިއުކްލިޔާ ހަތިޔާރާއި ބަލިސްޓިކް މިސައިލް ތަރައްގީ ކުރުމުގެ ފުރްސަތު އޮންނައިރު އެފުރްސަތު އެގައުމަށް ވެސް އޮންނަންވާނެ އެވެ. ދެމިންގަނޑު އޮވެގެން ނުވާނެ އެވެ. އެހެންކަމުން އެމެރިކާ ގަބޫލުކުރިޔަސް އަދި ނުކުރިޔަސް އުތުރުކޮރެޔާ ދެން އޮންނާނީ ނިއުކްލިޔަރ ބާރެއްގެ ގޮތުގައި ކަމަށާއި ވާހަކަ ދެކެވޭނީ މިކަމަށް އެއްބަސްވުމަށް ފަހުގައި ކަމަށް އެގައުމުން ބުނެ އެވެ.
މީގެކުރިން ވެސް އުތުރުކޮރެޔާގެ ޒައީމް އާ ސުލްހައިގެ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް އެކަމަށް އުތުރުކޮރެޔާއިން އަޅާލާފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)