ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ހޮވުމުގައި ހަމައެކަނި ސެޓްފިކެޓްގެ ނަމަށް ބަލައިގެން މާކްސް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ކިޔެވި ކުދިންގެ ޖަމްއިއްޔާ، އެލަމްނާއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށް ކަމާ ބެހޭ މުއައްސަސާތަކަށް ސިޓީ ފޮނުވައިފި އެވެ.

އެ ޖަމްއިއްޔާގެ ރައީސް ހަސަން ފިޔާޒް މޫސާ ސޮއި ކުރައްވައި ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި އުއްތަމަ ފަނޑިޔާރަށް އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދެ ސޮފްހާގެ ސިޓީގައި ބުނަނީ ރާއްޖޭގެ ކުއްލިއްޔަތުލް އިސްލާމިއްޔާ އިން ހިންގާ ތިން އަހަރުގެ ގާނޫނީ ދާއިރާގެ ޕްރޮގްރާމަށް 'ޝަރީއަތާއި ގާނޫނުގެ ފުރަތަމަ ޑިގްރީ' ނަން ކިޔާތީ، އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކެންޑިޑޭޓުންނަށް، ރާއްޖޭން ބޭރުގެ ޔުނިވާސިޓީތަކުން ގާނޫނީ ދާއިރާ އިން ޑިގްރީ ފުރިހަމަކޮށްފައިވާ ކެންޑިޑޭޓުންނަށް ވުރެ އިތުރަށް މާކްސް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ. އެ ކޯޓުތަކަށް ފަނޑިޔާރުން ހޮވުމުގައި މާކްސް ދޭނެ އުސޫލް ކަނޑައަޅާފައިވާ ގޮތުން މާކްސް ދިނުމުގައި އެންމެ އިންސާފުވެރި ނޫން ގޮތަކަށް މާކްސް ދެވިދާނެ ކަމަށް ވެސް އެ ސިޓީގައި ބުނެ އެވެ.

"... އެހެންވުމުން ޑިގްރީ ޕްރޮގްރާމްގެ ނަމަށް ބެލުމުގެ ބަދަލުގައި ކޯހުގައި ކިޔަވައިދީފައިވާ މާއްދާތަކަށް ބައްލަވައިގެން މެނުއީ އެންމެ އިންސާފުވެރި ގޮތެއްގައި މާކްސް ދެވިދާނެ ކަމަށް ނުފެނެ އެވެ،" އެ ސިޓީގައިވެ އެވެ.
ގިނަ އަދަދެއްގެ ލޯޔަރުންނާއި ޝަރުއީ ދާއިރާގެ ބޭފުޅުން ނިސްބަތްވާ އެ ޖަމްއިއްޔާ އިން ބުނީ ރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާ ޒަމާނީކުރުމަށް ކުރާ މަސައްކަތްތަކަށް މިހާރު އެންމެ ބޭނުން ބޮޑުވެފައި ވަނީ ތައުލީމީ އަދި ޒަމާނީ ކަންކަމަށް އަހުލުވެރި މީހުން ކަމަށާއި ދިވެހިރާއްޖޭގެ ޖުޑިޝަރީ އިތުރަށް ހަރުދަނާ ކުރަންވެފައިވާ މި ދަނޑިވަޅުގައި ފަޑިޔާރުން ހޮވުމަށް މިހާރު އަމަލުކުރަމުން އަންނަ ގޮތުން "އެ މަގާމަށް އެންމެ އެކަށޭނަ މީހުން ނޫން ބަޔަކު އައްޔަން ވެދާނެ" ކަމަށެވެ.

އެ ޖަމްއިއްޔާ އިން ފަޑިޔާރުން އައްޔަންކުރުމުގެ މައްސަލައިގާ ކަންބޮޑުވުން ފާޅުކުރި އިރު އަލަށް ފަޑިޔާރުން އައްޔަން ކުރުމަށް އިއުލާންކޮށްފައި ވަނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ތެރެއިން ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުންނާއި ފެމެލީ ކޯޓަށް ތިން ފަނޑިޔާރެކެވެ.

އެމަގާމަށް 47 ބޭފުޅަކު ކުރިމަތިލައްވާފައިވާ އިރު އެއީ އެއީ ފިރިހެން 13 ބޭފުޅުންނާއި އަންހެން 16 ބޭފުޅަކު ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏެވެ.