07 Jan 2018, 15:02
އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ ޕްރައިވަޓައިޒް ކުރަން އެގައުމުގެ ސަރުކާރުން ނިންމާފައިވަނިކޮށް، އެކަން މަޑުޖައްސާލުމަށް ޕާލިމެންޓްރީ ޕެނަލްއިން ލަފާދޭނެ ކަމަށް ހަބަރުތައް ބުނެފިއެވެ.
މިހާރުވެސް އެއާ އިންޑިއާ ހިންގަމުން އަންނަނީ ގެއްލުމުގައެވެ. އެ އެއާލައިންގެ ދަރަނި 5000 ކްރޯޑަށްވުރެ މަތީގައި ހުރި އިރު ދާދިފަހުން އިންޑިއާގެ ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު ޖަޔަންތް ޝަންކަރު ވެސް ވަނީ އެއާ އިންޑިއާއަށް މިހާރު އޮތް އެންމެ ރަނގަޅު ނިންމުމަކީ ކުންފުނި ޕްރައިވަޓައިޒް ކުރުން ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޕާލިމެންޓްރީ ޕެނަލްއިން މަޝްވަރާކޮށްފައިވަނީ އެއާ އިންޑިއާގެ ދަރަނިން ސަލާމަތްވުމަށް އެކުންފުންޏަށް އިތުރު ފަސް އަހަރު ދިނުމަށެވެ. އަދި ޕްރައިވަޓައިޒް ކުރުން މަޑުޖައްސާލުމަށް ސަރުކާރަށް ލަފާދިނުމަށް ވަނީ ނިންމައިފައެވެ. އަދި އެ އެއާލައިނަށް ދިމާވެފައިވާ މާލީ ވަޅުގަނޑުން އަރައިގަތުމަށް ޕްރައިވަޓައިޒް ކުރުން ނޫން އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އެ ޕެނަލްއިން ވަނީ ބުނެފައެވެ.
އެ އެއާލައިންގެ ޑީއިންވެސްޓްމެންޓް ޑްރާފްޓް ޕްރޮޕޯޒަލްގައި ބުނެފައިވަނީ ކުންފުނީގެ ފައިނޭންޝަލް ރީސްޓްރަކްޗަރިން ޕްލޭނަށް 10 އަހަރު ބޭނުންވާ ކަމަށެވެ. އެއީ 2012 އިން 2022 އަށެވެ.
ފާއިތުވި އަހަރުތަކުގައި އެއާ އިންޑިއާއިން އޯވަރޯލްކޮށް ރަނގަޅު ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށާއި ޓާންއެރައުންޑް ޕްލޭންގެ މުއްދަތަށް ބަލައި ކުރިއެރުން އަންނަތަން ނުފެނިއްޖެ ނަމަ، ކުންފުނި ޕްރައިވަޓައިޒް ކުރުމާމެދު ގޮތެއް ނިންމުމަށް ލަފާ ދިނުމަށްވެސް ވަނީ ނިންމައިފައެވެ.
އެއާ އިންޑިއާގެ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކުރުމަށްފަހު ޕާލިމެންޓްރީ ޕެނަލްއިން ބުނީ އެ އެއާލައިނަށް ފައިދާވާން ފަށާފައިވާ ކަމަށާއި މިއީ ޑީއިންވެސްޓް ކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ.
(އެންޑީޓީވީ)