ދުނިޔޭގެ ފުރަތަމަ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަށް އެޕަލް ކުންފުނި ވެދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ފައިނޭންޝަލް ކޮމެންޓޭޓާސް އާ ހަވާލާދީ ގާޑިއަންގައި ބުނެފައި ވަނީ ހިއްސާގެ ބާޒާރުގައި އެއް ޓްރިލިއަން ޑޮލަރުގެ އަގު ހުރި ފުރަތަމަ ކުންފުންޏަށް އެޕަލް ކުންފުނި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ހުސްވި 2017 ވަނަ އަހަރު ޓެކްނޮލަޖީގެ ވިޔަފާރު ކުރި އަރައިގެން ދިޔަ މިންވަރަށް މި އަހަރު ވެސް އެ ވިޔަފާރި ކުރިއަރައިގެން ގޮސްފި ނަމަ އަހަރު ނިމުމުގެ ކުރިން އެޕަލް ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހާ ހަމައަށް އެޕަލް ކުންފުނީގެ އަގު އުޅެނީ 869 ބިލިއަން ޑޮލަރުގަ އެވެ. އެކުންފުނީގެ ފަހަތުން ދެވަނަ ލިބެނީ އަލްފަބެޓް އަށެވެ. އެކުންފުނީގެ އަގު 729 ބިލިއަން ޑޮލަރަށް އަރަ އެވެ.

އެޕަލް ކުންފުންޏަށް ޓްރިލިއަން ޑޮލަރާ ހަމައަށް ވާސިލްވެވޭނީ ކުންފުނީގެ ޝެއާ ޕްރައިޒް އިތުރު 15 ޕަސެންޓް މައްޗަށް ޖައްސާލައިގެންނެވެ.

މިދިޔަ އަހަރު އެޕަލްގެ ޝެއާ ޕްރައިޒް ވަނީ 47 ޕަސެންޓް އިތުރުވެފަ އެވެ.

މި ރޭހުގައި ދެން ހިމެނެނީ މައިކްރޯސޮޕްޓް، އެމޭޒަން އަދި ފޭސްބުކް ފަދަ ކުންފުނިތަކެވެ.

ހުސްވި 2017 ވަނަ އަހަރު ފާހަގަ ކުރެވެނީ އެޕަލް ކުންފުންޏަށް ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ. އެކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން އެކްސް ވަނީ މާކެޓްގައި ރަނގަޅު ކާމިޔާބީއެއް ހޯދައިފަ އެވެ.

މައުލޫމާތު: އިކޮނަމިކް ޓައިމްސް