ބޭސްފަރުވާގެ ހައްގު ހޯދަން އެދޭ މީހާއަކީ ދައުލަތުގެ ވެރިން ހިތްހަމަޖެހޭ މީހެއްތޯ ބަލަން ނުޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ސިވިލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ދައުލަތުން ނެގި އިޖުރާއީ ނުކުތާއަށް ޖަވާބު ދާރީވުމަށް އަދީބުގެ ވަކީލުންގެ ފަރާތުން ހުށަހެޅި ބަޔާނުގައި ބުނެފައި ވަނީ އަދީބުގެ ބޭސްފަރުވާގެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނުމަކީ ޒިންމާދާރުކަން ކުޑަ ބުނުމެއް ކަމަށެވެ.

އަދި ބޭސްފަރުވާގެ ހައްގު ލިބިދިނުމުގައި އެއްވެސް ސަބަބަކާ ހެދި ތަފާތު ކުރުމެއް ނުގެންގުޅެވޭނެ ކަމަށާއި އެއީ ދައުލަތުން އިތުރަށް ތަފްސީލުކޮށްދޭން ޖެހޭ ޖުމްލައެއް ކަމަށް އަދީބު ދެކި ވަޑައިގަންނަވާ ކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ބޭސްފަރުވާގެ ހައްގު ހޯދުމަށް އެދޭ މީހާއާ މެދު ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުންގެ ހިތްހަމަ ނުޖެހުމެއް އޮތްތޯ އެއީ ހަގު ލިބިދިނުމުގައި ބަލަން ޖެހޭ ކަމެއް ނޫން ކަމުގައި އަދީބު ދެކި ވަޑައިގަންނަވާ،" ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅިގެން މާލޭގެ ޑޮކްޓަރުންނަށް ދެއްކުމުން ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހޭނެ ކަމަށް ދީފައިވާ ލިޔެކިޔުންތައް އަދީބާ ހިއްސާ ކޮށްފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެ ލިޔެކިޔުންތަށް ހޯދުމަށް ތަކުރާރުކޮށް ކަރެކްޝަންސްގައި އެދިފައިވާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭން ބޭރަށް އަދީބު ފޮނުވޭނީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން ކަމަށް ދައުލަތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި ބަޔާނުގައި ބުނެފައި ވަނީ މެޑިކަލް ބޯޑުން ކަން ކަން ނިންމުމުގެ އިހުތިޔާރު އޮތީ އަދީބުގެ އަތް މަތީ ނޫން ކަމަށެވެ.

"ރާއްޖޭން ބޭރަށް ފޮނުވަން ޖެހޭ ކަމަށް ޑޮކްޓަރު ލަވާދެއްވުމުން. އެ އިޖުރާއަތުތައް [މެޑިކަލް ބޯޑާ ގުޅުން ހުރި ކަންކަން] ނިންމަންޖެހޭނީ ކަރެކްޝަނަލް ސާވިސް އާއި އައިޖީއެމްއެޗުން،" ބަޔާނުގައި ބުނެފައިވެ އެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަން ހިނގަމުންދަނީ "އެއްވެސް ކަހަލަ އުސޫލެއް ހަމައެއް އޮވެގެން ބޭސްފަރުވާ ކޮށްދިނުމުގެ ނިޔަތުގައި ނޫން" ކަމަށް އަދީބުގެ ވަކީލުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އަދީބުގެ ވަކީލުން ކޯޓުގައި އެދިފައި ވަނީ އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރުން ދޫކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި ބޭސްފަރުވާއަށް އަދީބު ރާއްޖޭން ބޭރަށް ފޮނުވުމަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށް އަމުރުކޮށްދިނުމަށެވެ.

އަދީބުގެ ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. އަދި އެތެރެހަށީގައި ސިސްޓެއް އުފެދި ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

އަދީބު މިހާރު ގެންދަވަނީ 33 އަހަރުގެ ޖަލު ހުމެއް ތަންފީޒު ކުރަމުންނެވެ.