ޚާތޫމް (07 ޖެނުއަރީ): މިސްރުން ޔޫއޭއީއާ ގުޅިގެން އެރިތުރިއާގެ އަސްކަރީ މަރުކަޒަކަށް ސިފައިން ޖަމާކުރުމުން ރައްދުގައި ސޫދާނުން ވެސް އެ ގައުމާއި އެރިތުރިއާއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ސޫދާނުގެ ސިފައިން ރުކުރުވައިލައިފި އެވެ.

ސުދާނުގެ ނޫހެއް ކަމަށްވާ އަސައިހާ އިން ބުނީ އެރިތުރިއާގައި ހުރި ސަވާ އަސްކާރީ މަރުކަޒުގައި ސޫދާނުގެ ދާފޫރުގެ ހަނގުރާމަވެރިންނާއި މިސްރާއި ޔޫއޭއީ އަދި އެރިތުރިއާގެ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެރިތުރިއާއާ ގުޅޭ ބޯޑަރު ސަރަހައްދުގެ ސޫދާނުގެ ކަސާލާ ސްޓޭޓްގައި ސިފައިން ރުކުރުވައިލައިފައިވާ އިރު އެ ގައުމުގެ ބޯޑަރު ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ. ސޫދާނުގެ ރައީސް އުމަރު އަލް ބަޝީރު ވަނީ އެ ސްޓޭޓްގައި އިމަޖެންސީ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.

އިތިއޯޕިއާ އިން ވެސް މިހާރު ވަނީ އެރިތުރިއާއާ އަދި ސޫދާނާ ގުޅޭ ސަރަހައްދަށް ސިފައިން ޖަމާކޮށްފަ އެވެ.

ސޫދާނާއި މިސްރާ ގުޅުން ގޯސްވީ ތުރުކީގެ ރައީސް ތައްޔިބް އުރުދުއާން ސޫދާނަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. އެ ދަތުރުގައި ސޫދާނުން ވަނީ އެ ގައުމުގެ ރަށެއް ކަމަށްވާ ސުއާކިން ތުުރުކީއަށް ހަވާލުކުރުމަށް އެއްބަސް ވެފަ އެވެ. އެ ރަށުގައި ތުރުކީގެ އަސްކަރީ މަރުކަޒެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ސޫދާނުން ތުރުކީއާ ގުޅުން ބަދަހިކުރަން ފެށުމާ އެކު މިސްރާއި ޔޫއޭއީ އަދި ސައުދީން ވަނީ ވަރަށް ރުޅިގަދަވެފަ އެވެ. ތުރުކީން ދަނީ ސައުދީގެ ދުޝްމަން ގަތަރާއެކު ވެސް ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. ތުުރުކީގެ އަސްކަރީ މަރުކަޒެއް މިހާރު ވެސް ގަތަރުގައި ހުރެ އެވެ.

ފެނުން ކަރަންޓު އުފެއްދުމަށް ނީލަކޯރުގައި އިތިއޯޕިއާ އިން ޑޭމްއެއް ހަދަން ސޫދާނުން ތާއިދުކުރުމަކީ ވެސް މިސްރުން ވަރަށް ރުޅި އަންނަ ކަމެކެވެ. މިސްރުން ބުނާ ގޮތުގައި އެ ޑޭމް ހެދުމުން ނީލަކޯރުގައި ފެން ދައުރުވުމަށް ހުރަސް އެޅޭނެ އެވެ. ނީލަ ކޯރު އިތިއޯޕިއާ އާ ހަމައަށް ވެސް ދެމިގެން ދެ އެވެ.

މަސްދަރު : ޕްރެސްޓީވީ