ރާމަﷲ (ޖެނުއަރީ 7): އިސްރާއީލުގެ ސިފައިންގެ މީހެއްގެ މޫނުމަތީގައި ޖެހުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ އަހަދު ތަމީމީގެ އާއިލާގެ މެމްބަރަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

އަހަދާ ދެބެންގެ ދެދަރި ނޫރު ތަމީމީ ދޫކޮށްލާފައި ވަނީ ކަފާލާތުގެ ގޮތުގައި 1،450 ޑޮލަރު ދެއްކުމުންނާއި އަންނަ މަހުގެ 12ގައި ފެށޭ އެ މައްސަލައިގެ ޝަރީއަތަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. އެ މައްސަލާގައި ހައްޔަރު ކުރި އަހަދާއި އޭނާގެ މަންމަ އަދި ވެސް ތިބީ ޖަލުގަ އެވެ.

އުމުރުން 16 އަހަރުގެ އަހަދާއި އޭނާގެ މަންމަގެ އިތުރުން ނޫރު ހައްޔަރު ކުރީ އިސްރާއީލުގެ ސިފައިންގެ މީހެއްގެ ގައިގައި އެ ދެ މީހުން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވި ފަހުންނެވެ. އެމައްސަލައާ ގުޅިގެން ނޫރުގެ މައްޗަށް ސިފައިންގެ މީހަކަށް ހަމަލާ ދިނުމާއި ސިފައިންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާކޮށްފައިވާ އިރު އަހަދުގެ މައްޗަށް 12 ދައުވާއަކާއި އޭނާގެ މަންމަގެ މައްޗަށް ފަސް ދައުވާއެއްކޮށްފައިވެ އެވެ.

ފަލަސްތީނުގެ މަޝްހޫރު އެކްޓިވިސްޓު އަހަދު ތަމީމީ. އޭނާއާ ދެކޮޅަށް އިސްރާއިލުން ވަނީ ބާރަ ދައުވާއެއް އުފުލާފައި --

މިދިޔަ މަހުގެ 15ގައި ހިނގި އެ ހާދިސާއާ ގުޅިގެން އަހަދު ކޯޓަށް ހާޒިރު ކުރުމުން އޭނާ ބުނި ގޮތުގައި އެ ހާދިސާ ހިނގުމުގެ ކުރިން ވީޑިއޯއިން ފެންނަ ސިފައިންގެ މީހާ ވަނީ އޭނާގެ ކޮއްކޮގެ މޫނަށް ރަބަރު އުންޑަ ޖަހައިފަ އެވެ. އޭގެ ސަބަބުން އެކުއްޖާ ތިން ދުވަސް ވަންދެން ކޯމާއެއްގައި އޮތް ކަމަށް ފަލަސްތީނުގެ ނޫސްތަކުން ބުނެ އެވެ.

އަހަދަށް ރައްދު ދެމުން އިސްރާއީލް އަސްކަރިއްޔާއިން ބުނި ގޮތުގައި އެމީހުން އެސަރަހައްދުގައި ހަރަކާތްތެރިވީ ފަލަސްތީން ރައްޔިތުން މަގުމަތިންދާ މީހުންނާ ދިމާލަށް ގާ އުކާތީ އެކަން ހުއްޓުވުމަށެވެ.

އަހަދުގެ ހައްޔަރާއެކު ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން ވަނީ އޭނާއަކީ ބަތަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އޭނާ ދޫކޮށްލުމަށް ގޮވާލައި ޕެރިހާއި ނިއު ޔޯކުގައި ވެސް އެއްވުންތައް ބާއްވާފައިވެ އެވެ. (އޭއެފްޕީ)