މޫދުކުޅިވަރާ ގުޅުންހުރި އަންނައުނާއި ހިފާގެންގުޅޭ ތަކެތި އުފައްދާ އެމެރިކާގެ މަޝްހޫރު "ކުއިކްސިލްވާ" ބްރޭންޑުގެ ބެލެނިވެރި ކުންފުނިން "ބިލަބޮންގް" ބްރޭންޑް ގަނެފި އެވެ.

ބިލަބޮންގްއަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ، ސްޕޯޓިންގް އަންނައުނު އުފައްދައި، ރީޓެއިލްކުރާ ކުންފުންޏެކެވެ. ބިލަބޮންގާއި ކުއިކްސިލްވާއަކީ އެއް ދާއިރާއެއްގެ މަސައްކަތްކުރާ ދެ ވާދަވެރިންނެވެ.

ކުއިކްސިލްވާގެ ބެލެނިވެރި ކުންފުނި "ބޯޑްރައިޑާސް"އިން އޮސްޓްރޭލިއާގެ ބިލަބޮންގް ގަތީ 155 މިލިޔަން ޑޮލަރަށެވެ.

ބިލަބޮންގް ބްރޭންޑް ވިއްކާލުމަކީ، ބިލަބޮންގް ކުންފުންޏަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ބިލަބޮންގްއަށް ވިޔަފާރީގެ ފައިދާ ވެފައި ވަނީ އެންމެ އަހަރެއްގަ އެވެ.

ނިމިދިޔަ އަހަރު ބިލަބޮންގް ވަނީ 58 މިލިޔަން ޑޮލަރުގެ މާލީ ގެއްލުމާ ކުރިމަތިލައިފަ އެވެ.

ސަތޭކަ ފަންސާސް ފަސް މިލިޔަން ޑޮލަރުގެ މުއާމަލާތަކާ އެކު، ބިލަބޮންގް ބްރޭންޑު ގަތް އެމެރިކާގެ "ކުއިކްސިލްވާ" ކުންފުނި ވަނީ "ބޯޑްރައިޑާޒް"ގެ ނަމަށް ރީބްރޭންޑްކޮށްފަ އެވެ. ނަމަވެސް އެ ކުންފުނިން އަދި ވެސް ކުއިކްސިލްވާ ބްރޭންޑުގެ ތަކެތި އުފައްދަ އެވެ.

ކުއިކްސިލްވާ އާއި ބިލަބޮންގް މިހާރު އެއްވެފައިވާ އިރު، ދުނިޔޭގެ 28 ގައުމެއްގައި ދެ ކުންފުނި ހިމެނޭ ގޮތަށް ޖުމްލަ 630 ރީޓެއިލް އައުޓްލެޓް ހުންނާނެ އެވެ.

ނަވާރަސަތޭކަ ހަތްދިހަ ތިން ވަނަ އަހަރު އުފެދުނު ބިލަބޮންގް ކުންފުނި، އޮސްޓްރޭލިއާގެ ހިއްސާގެ ބާޒާރުގައި 2000 ވަނަ އަހަރު ލިސްޓުކުރެވުނެވެ. ބިލަބޮންގް 155 މިލިޔަން ޑޮލަރަށް ވިއްކާލުމަށް ނިންމާފައިވާ އިރު، 2012 ވަނަ އަހަރު އެ އަގަށް ވުރެ ހަތަރު ގުނަ ބޮޑު އަގަކަށް ކުންފުނި ގަތުމަށް ބަޔަކު ވަނީ ހުށަހަޅާފައެވެ. ނަމަވެސް ބިލަބޮންގްއިން އެ އަހަރު އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ.

ކުއިކްސިލްވާ 1969 ވަނަ އަހަރު އޮސްޓްރޭލިއާއިން އުފެދި، 1986 ވަނަ އަހަރު އެކުންފުނި އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓުވިއެވެ. ނަމަވެސް 2015 ވަނަ އަހަރު އެކުންފުނި ބަނގުރޫޓުވުމާ އެކު، ކުންފުނީގެ އުނިގަނޑަށް ބަދަލުގެނެސް، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވީ އެވެ.