07 Jan 2018, 12:38
ޗައިނާ (ޖެނުއަރީ 7): ޗައިނާގެ އިރުމަތީ އައްސޭރި ކަނޑުގައި މުދާ އުފުލާ ބޯޓަކާއި ތެޔޮ ޓޭންކަރެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓެއްގައި 32 މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
ޝަންހާއީ އާއި 160 ނޯޓިކަލް މޭލު ބޭރުން ހިނގި އެކްސިޑެންޓުގައި ގެއްލިފައި ވަނީ ތެޔޮ ޓޭންކަރުގެ ކްރޫގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އީރާނުގެ 30 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. މުދާ އުފުލާ ބޯޓުގައި ތިބި 21 މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ.
ގެއްލުނު މީހުން ހޯދުމުގައި ޗައިނާގެ އަށް ބޯޓަކުން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ދެކުނު ކޮރެއާގެ ކޯސްޓް ގާޑު އުޅަނދަކާއި ހެލިކޮޕްޓަރެއް ވެސް މީހުން ހޯދުމުގައި އަންނަނީ އެހީތެރިވަމުންނެވެ.
އެކްސިޑެންޓް ހިނގި އިރު ތެޔޮ ޓޭންކަރު ދަތުރު ކުރަމުން ދިޔައީ އީރާނުން ފުރައިގެން ދެކުނު ކޮރެއާ އަށް، 136،000 ޓަނުގެ ތެލާ އެކު އެވެ. އެކްސިޑެންޓުވުމާ އެކު ބޯޓުގައި ވަނީ ރޯވެފަ އެވެ.
ކަމާބެހޭ ފަރާތްތައް ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް އަދި ވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭ ކަމަށް ޚަބަރުތައް ބުނެ އެވެ.
އެކްސިޑެންޓުވި މުދާ އުފުލާ ބޯޓަކީ ހޮންގް ކޮންގްގެ، ސީއެފް ކްރިސްޓަލް ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ދަތުރު ކުރަމުން ދިޔައީ 64،000 ޓަނުގެ ގޮވާން ބަރުކޮށްގެނެވެ. (ބީބީސީ)