07 Jan 2018, 12:44
ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްޑީއޭ) އިން އިސްނަގައިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން ހަމަޖެހިފައިވާ މާކެޓާސް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފޯރަމްގައި ބައިވެރިވުމަށްއޮންލައިންްކޮށްރަޖިސްޓާ ކުރެވޭނެއެވެ.
ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ، އެ ފޯރަމް ބާއްވަން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގައި ކަމަށެވެ. ނަމަވެސް ފޯރަމް ބާއްވާ ވަކި ތާރީހެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.
މާކެޓާސް ފޯރަމްއަކީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ލީޑަރުންނާއި މާކެޓިންގައި މަސައްކަތް ކުރާ ފަރާތްތައް ހިމަނައިގެން، އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ތަފާތު އަދި އީޖާދީ ފޯރަމެއްކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ.
އެ ފޯރަމްގައި މައިގަނޑު ތިން ދާއިރާއަކަށް އަލި އަޅުވާލާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ. އޭގެތެރޭގައި މާކެޓިންގައި ގެންގުޅެންވީ އުސޫލުތަކާއި، ޓެކްނޮލޮޖީއާއި ސައިކޮލޮޖީއަށް އަލިއަޅުވާލާނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ.
އެ ފޯރަމްގައި ވާހަކަދައްކަން ހަމަޖެހިފައިވާ މީހުން:
ސްރީލަންކާ އިންސްޓިޓިއުޓް އޮފް މާކެޓިންގެ ކޮންސަލްޓެންޓް، ޕަރަސަންނަ ޕެރޭރާ
- ކޮލަންބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީގެ ފަރާތުން، ޔޮޝިނީ ކޮރޭޝި
- ތިންކް އެޑްވަޓައިޒިންގެ ސީއީއޯ، އަދީލް އިސްމާއިލް
- ސްމޯލް މޯލްޑިވްސް އައިލެންޑްގެ އިންޓަނޭޝަނަލް ސޭލްސްގެ ޑިރެކްޓަރު، އަބްދުﷲ ނަބީލް
- ދިރާގުގެ ޗީފް މާކެޓިން އޮފިސާ، އިޒަބެލް ހަޖްރީ
- ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިމިނަތު ޝާޔަން
- އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު، ނިއުޝާދު ޝަރީފް
އެ ފޯރަމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ޓިކެޓެއް 200 ޑޮލަރަށެވެ. އަދި ގަންނަ ކޮންމެ ދެ ޓިކެޓަކަށް އެއް ޓިކެޓް ހިލޭ ލިބޭނެކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުންޏެވެ. ޓިކެޓަށް ނަގާ ފީގެ ތެރޭގައި، ރެޖިސްޓްރޭޝަން ފީ، ކެއުން، ސައި އަދި ކޮފީ ހިމެނޭނެއެވެ.
މާކެޓާސް ފޯރަމަކީ ވިޔަފާރިތަކުގެ އިސްވެރިން ބައިވެރިވާ، އަދި ވިޔަފާރިތަކުން ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެ ނެޓްވޯކިންގް އިވެންޓެކެވެ.