07 Jan 2018, 12:52
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވި ނަމަ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވީސް ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ "ދަ ޓްރައިބިއުން" ނޫހަށް ދެއްވި އިންޓަވިއު އެއްގައި އަހުމަދު މުހައްމަދު ވިދާޅުވީ އިންޑިއާ އިން އިއުލާނުކޮށްފައިވާ "ނެއިބަހޫޑް ފަސްޓް" ނުވަތަ އެންމެ ފުރަތަމަ އަވައްޓެރިން ޕޮލިސީ އަށް އެ ގައުމުން އިހްތިރާމު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މޯދީ ރާއްޖެއަށް ވަޑައިނުގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން ކަމަށް ދެކެވޭ ވާހަކަ އަށް އިޝާރާތްކުރައްވައި ސަފީރު ވިދާޅުވީ އެކަން އެގޮތަށް ހިނގާފައިވީ ނަމަވެސް އެފަދަ ރަސްމީ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ނެއިބަހޫޑް ފަސްޓް ޕޮލިސީ އަށް އިހްތިރާމް ކުރާ ކަމަށް ވާނީ މޯދީ ރާއްޖެ އަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅު ކުރެއްވި ނަމަ ކަމަށެވެ.
ސަފީރު ވިދާޅުވީ އަވައްޓެރި ގައުމުތަކާ މެދު އިންޑިއާ އިން ގެންގުޅޭ ބައެއް ސިޔާސަތުތައް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އިންވެސްޓްކުރުމުގެ މައިދާނުގައި ޗައިނާ އަތުން އިންޑިއާ ބަލިވަނީ އަވައްޓެރިންނަށް ކޮށްދެން ޖެހޭ ކަންތަކަށް ބަދަލު ގެންނަން ޖެހިފައި ވާތީ ކަމަށް ސަފީރު ވިދާޅުވި އެވެ.
"އިންޑިއާގެ އަވައްޓެރި ގައުމުތަކަކީ ވެސް މިނިވަން ޑިމޮކްރެޓިކް ގައުމުތައް. އެތަންތަނުގެ އަމިއްލަ ވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ. ހުރިހާ ގައުމުތަކަކުން ވެސް މަސައްކަތް ކުރާނީ އެބައެއްގެ އަމިއްލަ ކުރިއެރުން ހޯދަން. ކޮންމެ ވެރިއަކު ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން. އެ ވައުދުތައް ފުއްދަން ވެސް އެމީހުން މަސައްކަތް ކުރާނެ،" ސަފީރު ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2014 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައި ކަމަށާއި އެކަންތައް އަމަލީ ގޮތުން އަދި ވެސް ފެށިފައި ނުވާ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ.