07 Jan 2018, 15:42
މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމު "ލީނާ"ގެ ޝޫޓިން މިމަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުނެފިއެވެ.
ޝޫޓިން ފެށޭތާ މަހެއްހާ ދުވަސްތެރޭ ފިލްމުގެ މަސައްކަތް ގާތްގަނޑަކަށް ނިންމާލެވޭނެ ކަމަށާއި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަހުގައި ކަމަށް މުއާ ބުންޏެވެ.
ފިލްމުގެ އަންހެން ލީޑަށް މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބަތަލާ މަރިޔަމް އައްޒަ ވަނީ ހަމަޖައްސައިފައެވެ.
މުއާ ބުނީ ފިލްމުގެ އަންހެން ލީޑަށް އައްޒަ ހަމަޖެއްސީ އައްޒައަށް އެ ރޯލު ފުރިހަމައަށް ކުޅެވޭނެތީ ކަމަށާއި، ހުރިހާ ގޮތަކަށް ބެލި ކަމުގައި ވިޔަސް އައްޒައަކީ އޭނާއަށް އެންމެ 'ޕާފެކްޓް' ޗޮއިސް ކަމަށެވެ.
ސަންއަށް މައުލޫމާތު ދެމުން މުއާ ބުނީ، ފިލްމުގެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނެ ފަންނާނެއްގެ ނަން ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި އޮލިމްޕަހުގެ ސްކްރީނަށް ފިލްމު އަންނާނެ ދުވަހެއް އަދި ފައިނަލް ނުވާ ކަމަށާއި، ޝޫޓިން ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ފިލްމާ ގުޅޭ ގޮތުން އަޒްލީނާގެ އާއިލާ ސަންއަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް އާއިލާއިން ދެކޮޅު ކަމަށެވެ.
"އާއިލާގެ މީހުން ބޭނުމެއް ނޫން އެ ހާދިސާއަށް ފިލުމު ހަދައި ވިޔަފާރި ކުރާކަށް. އަޅުގަނޑުމެންގެ މަންމަވެސް ދުނިޔޭގައި އެބައިން. އެ ވަހާކަ [އަޒްލީނާގެ މަރުގެ ވާހަކަ] ދައްކާ ކޮންމެ ފަހަރަކު ވަރަށް އުނދަގޫވޭ. މަންމަ އަށްވެސް ވަރަށް އަސަރުކުރޭ،" އަޒްލީނާގެ ބޭބެ ބުންޏެވެ.
އެކަމާ ގުޅިގެން މުއާއާ ސުވާލުކުރުމުން އޭނާ ބުނީ، އާއިލާއާ ދައްކަން ޖެހޭ ވާހަކަތައް މިހާރު ވާނީ ދައްކާފައި ކަމަށާއި، އެ ފިލްމު ހަދަން އާއިލާއިން ހިތްހަމަ ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.