ރާއްޖެ އިން އެންމެ ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރާނީ އިންޑިއާ އާ އެކު ކަމަށް އެއްބަސް ވެފައި ނުވާނެ ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައާޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ޓްރައިބިއުން އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބުނެ ވާހަކަ ފަތުރަނީ މީޑިއާ އިން ކަމަށެވެ. އެގޮތުން ޗައިނާ އާއި ރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެވުމާ އެކު އިންޑިއާ އަށް ސިހުން ގެނައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ކަމަށާއި ނަމަވެސް އެ އެއްބަސްވުމަކީ ކުރިން އިއުލާނުކޮށްގެން ސޮއި ކުރި އެއްވަސްވުމެއް ކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.

"އެއްވެސް އިރެއްގައި އެއްބަސްވެވިފައެއް ނޯންނާނެ ރާއްޖެ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެންމެ ފުރަތަމަ އެކުލަވާލާނީ އިންޑިއާ އާއެކުގައި ކަމަށް ބުނެ. އިންޑިއާ އިން އަބަދު ވެސް ބުނަނީ ސަރަހައްދުގެ ސެކިއުރިޓީ އަށް ސަމާލުކަން ދެން ޖެހޭނެ ކަމަށް. ރާއްޖެ އިން އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅެނީ އެހެންވެ. އިންޑިއާ އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންފުޅުވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެފައި. ރާއްޖެ އަށް އެފަދަ އެއްބަސްވުންތައް އެބަ ބޭނުންވޭ،" ސަފީރު ވިދާޅުވި އެވެ.

ސަފީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2014 ވަނަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައި ކަމަށާއި އެކަންތައް އަމަލީ ގޮތުން އަދިވެސް ފެށިފައި ނުވާ ކަމަށެވެ.

"އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތީ ޒަމާންވީ ގުޅުމެއް. ދެ ގައުމުގެ މެދުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް."

އެ އިންޓަވިއުގައި ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި މިނިވަން އިންތިހާބުތައް ބޭއްވޭނެ މާހައުލެއް ރާއްޖޭގައި އެބައޮތް ކަމަށެވެ.